Last Updated: April 19, 13:58
Saturday, April 19, 2025
ޚަބަރު

ރައީސް ބޭނުން ވަނީ އިންތިހާބުގެ ދެވަނަ ބުރު އުވާލަން

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމަށް ތާއީދުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

ރައީސް އެކަމަށް އެދިވަޑައިގަތީ ބުދަ ދުވަހު މުލީއާގޭގައި މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވާލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރަން ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

އަދި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އިސްލާހުކުރަން ބޭނުންފުޅުވާ ކަމާއި އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމައި، ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމާމެދު ވެސް ރައީސް ވަނީ އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވާފަ އެވެ.

މިދިޔަ އަހަރު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ބުރަކަށް ދާ ހާލަތުގައި އިހުތިޔާރު ކުރާނެ ފަރާތެއް ފުރަތަމަ ބުރުގައި ކަނޑައެޅޭ ގޮތް ހެދުން މާ މުހިއްމު ކަމަށާއި ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންތައް އުވާލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މާނައަކީ އެއް ބުރުން ނިމޭނެއޭ. އެއް ބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެޓާނީ ޖެނެރަލްއާ ހަވާލުކޮށްގެން އެކަމުގެ ދިރާސާ މިހާރު ކުރަމުން އަންނަ ކަމަށާއި އެއީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށެވެ. ރައްޔިތުން އެކަމަށް އެދޭނަމަ އަންނަ ރިޔާސީ އިންތިހާބުން ފެށިގެން އެއަށް އަމަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބު އެއް ބުރުން ބޭއްވުމުން ހަރަދު ވެސް ބޮޑުތަނުން ކުޑަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.