Last Updated: April 19, 13:58
Saturday, April 19, 2025
ޚަބަރު

ފަނޑިޔާރުން ސަސްޕެންޑްކުރީ ޖުޑިޝަރީގެ މިނިވަންކަމަށް އަރައިގަންނަން

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު އަދި މިހާރު އެ ކޯޓުން އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޖުޑިޝަރީގެ މިނިވަންކަމަށް އަރައިގަތުމަށް ކަމަށް ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް ވިދާޅުވެއްޖެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ޖިނާއީ ތަހުގީގަކާއި ގުޅިގެން ޖޭއެސްސީން ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ މިދިޔަ ފެބްރުއަރީ 26ގަ އެވެ. މި ފަނޑިޔާރުންނާއި ގުޅޭ ސުލޫކީ މައްސަލަތަކެއް ބަލަމުންދަނިކޮށް ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ދެން ތިއްބެވި ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީގެ ތަހުގީގު ކޮމިޓީން ރޭ ވަނީ ނިންމާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑް ކުރި އިރު، އެ ކޯޓުން ގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބަލަމުންނެވެ.

އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ މައްޗަށް ހިންގި ސަސްޕެންޝަންތަކާއި، އިޞްލާޙީ ފިޔަވަޅުގެ މައްސަލަތަކާއި، ތަޙުޤީޤުތަކުގެ ޕްރެޝަރަކީ ޖުޑިޝަރީގެ މިނިވަންކަމަށް އަރައިގަތުމަށް ކަމަށް ބެލެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރުންނާ ދެކޮޅަށް ފަށާފައިވާ ތަހުގީގުތަކާއި ބަލަމުންދާ ސުލޫކީ މައްސަލަތަކަކީ، ފަނޑިޔާރުން މަގާމުން ވަކިކުރަން އޮންނަ އުސޫލުތަކާއި ހިލާފަށް ހިންގާ ތަހުގީގުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން މަހާޒާއި އަޒްމިރަލްދާގެ ވަކީލުންނަށް ޖޭއެސްސީގެ އަޑުއެހުންތަކުގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމާއި އެ މައްސަލަތައް އާންމުކޮށް ހުޅުވާލައިގެން ނުބެލުމާ ގުޅިގެން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.