އައްޑޫ ސިޓީ މަރަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ، މަރަދޫ ބޮޑު މަގުން ގަމާއި ވީކޮޅުން ދުއްވާފައި އައި ޕިކަޕެއް ގޯޅި އަޅަން އުޅުމުގެ ތެރޭގައި ހިތަދޫ އާއި ވީކޮޅުން ގަމާއި ވީކޮޅަށް ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ.
" ގަމާއި ވީކޮޅުން އައިސްފައި ޕިކަޕް ގޯޅި އަޅާލީ ޒިކުރާގެ އާއި ދިމާލަށް. އަޅާލި ވަގުތު ހިތަދު އާއި ވީކޮޅުން ދުއްވާފައި އައި ސައިކަލް އަޅައިގަތީ ޕިކަޕްގެ ލޯގަނޑުގައި. އަޅައިގެންފައި ވިއްސައިގެން ގޮސް ޖެހުނީ ހޮޅިދަނޑިއެއްގައި" އޭނާ ބުންޏެވެ.
މި އެކްސިޑެންޓްގައި ސައިކަލުގައި ތިބި ދެ މީހުންނަށް މަރަދޫ ސިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
މަރަދޫ ސިއްޙީ މަރުކަޒުގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދިން ގޮތުގައި އެކްސިޑެންޓްގައި ޒަޚަމްވެގެން ގެނައި ދެމީހަކަށް ފަރުވާދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވަނީ މިރޭ 9:20 އެހާކަށް ހާއިރު ކަމަށެވެ. އޮފިޝަލް ބުނި ގޮތުގައި އެކްސިޑެންޓްގައި ޒަޚަމްވި ދެމީހުންގެ ތެރެއިން ސައިކަލް ދުއްވަން އިން މަރަދޫ ކުދިރުވާގޭ މުހައްމަދު ފިރްޝާން، 19،ޒުވާނާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ސައިކަލްގެ ފަހަތުގައި އިން މަރަދޫ ފާގަތި އިބްރާހީމް މުއިއްޒު 15، ގެ ހަށިގަނޑުގެ ބައެއް ތަންތަަން މަށައިގެން ދިޔުން ފިޔަވާ އެހެން އަނިޔާއެއް ވެފައެއް ނުވެއެވެ.
" ސިއްޙީ މަރުކަޒުން އެއްވެސް ފަރުވާއެއް ދީފައެއް ނުވާނެ. އަޅުގަނޑުމެން ވަގުތުން ޓްރާންސްފާރ ކޮށްލީ ހިތަދޫ ހޮސްޕިޓަލަށް" މަރަދޫ ސިއްޙީ މަރުކަޒުގެ އޮފިޝަލް ބުންޏެވެ.
ހޮސްޕިޓަލުގެ މުވައްޒަފަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މި އެކްސިޑެންޓްގައި ބޮލަށް އަނިޔާތަކެއް ލިބުނު މުހައްމަދު ފިރްޝާންގެ ކަންފަތުން ގިނަ އަދަދަކަށް ލޭ ފައިބަމުންދާ އިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. ނަމަވެސް ފިރުޝާންގެ ބޮލަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.