ފަލަސްތީނާ އެކު ދިވެހިން ދިވެހިން ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން "ޣައްޒާއާ އެކު އައްޑޫ" ގެ ނަމުގައި މިއަދު ހާއްސަ ހަރަކާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
މިއީ ދީނީ އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކާއި އަައްޑޫ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އިވެންޓެވެ. "ޣައްޒާއާ އެކު އައްޑޫ" އޮންނާނީ މިއަދު ހަވީރު ހިތަދޫ ސިޓީ ސްކެއާގަ އެވެ. އެ ހަރަކާތް ފަށަން ހަމަޖެހިފައި ވަނީ 4:15 ގަ އެވެ.
މި ހާއްސަ ހަރަކާތަށް އިސްރާ އެސޯސިއޭޝަންގެ ރައީސް ޝައިޚް ޙުސައިން އަންޞާރު އާއި ނައިބު ރައީސް ޝެއިޚް މުޙައްމަދު ޝިފާން ވެސް އައްޑު އަށް ވަޑައިގެންފައިވެ އެވެ.
"ޣައްޒާއާ އެކު އައްޑޫ" އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރި ފޭދޫ މިޝްކާތު ފައުންޑާޝަނާއި ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އެވެ.
އެ ދެ ޖަމިއްޔާ އިން ބުނީ މިއަދު ބާއްވާ އިވެންޓު ކުރިއަށް ދާނީ ވެހިކަލް ބުރަކާއެކު ކަމަށެވެ. އެގޮތުން އިވެންޓުގައި ހިތަދޫއިން ބައިވެރިވާ މީހުން ހަވީރު 4:15 އަށް ނޭޗާ ޕާކު ކުރިމައްޗަށް ހާޒިރުވާން ޖެހެ އެވެ. އެހެން އަވަށްތަކުން ބައިވެރިވާ ފަރާތްތަކުން އެ އަވަށެއްގެ ބަނދަރުމައްޗަށް ހަވީރު 4:15 އަށް ހާޒިރުވާން ޖެހެ އެވެ. އަދި 4:30 ގައި ވެހިކަލްތަކުގައި ދަތުރުކޮށް ހިތަދޫ ސްކެއާ ސަރަހައްދަށް ޖަމާވާނެ އެވެ.
އެ ސަރަހައްދުގައި ބައިވެރިންގެ ޝުޢޫރު ފާޅުކުރުމަށް ފަހު އިވެންޓް ނިންމާލުމަށް ހަމަޖެހިފައި ވަނީ ޚާއްޞަ ދުޢާއަކުން، ހަވީރު 6:00 ގަ އެވެ.
މި އިވެންޓުގައި އައްޑޫގައި ދިރިއުޅޭ ކުދިބޮޑު ހުރިހާ އެންމެން ބައިވެރިވުމަށް އެދިފައިވެ އެވެ. އަދި އެއްވުމަށްދާ އިރު، ފަލަސްޠީނުގެ ދިދަ އާއި ކުލައާ އި ރަމްޒުތައް ބޭނުންކުރުމަށް އެދިފައިފައި އެވެ.
ގުޅިފައިވާ އަވަށްތަކުން އިވެންޓަށް ސައިކަލް ބުރުގައި ބައިވެރިވާ މީހުން ޓްރެފިކް ޤަވާޢިދާ އެއްގޮތަށް ހެލްމެޓް އެޅުއްވުމަށް ވެސް އިލްތިމާސްކޮށްފައިވެ އެވެ.
މީގެ ކުރިން ވެސް ފަލަސްތީނަށް ތައީދު އައްޑޫގައި އެކިއެކި ހަރަކާތްތައް ބާއްވާފައިވެ އެވެ.