Last Updated: April 21, 09:35
Monday, April 21, 2025
ޚަބަރު

ވެރިކަމަކީ ހެޔޮ ނިޔަތުގައި މަސައްކަތްކުރާ ބަޔަކަށް ދެއްވާ އެއްޗެއް

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް - ފޮޓޯ: ޕީއެންސީ

ވެރިކަމަކީ ހެޔޮ ނިޔަތުގައި މަސައްކަތްކުރާ ބަޔަކަށް ދެއްވާ އެއްޗެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލު ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ.

"ކިތަންމެ ވަރަކަށް ޓީވީ އާއި އެއްޗެހި ހިފައިގެން ގޮސް ފަތިސް ނަމާދަށް ދިޔަސް، މި މަކަރު ހަދާ ހުރިހާ އިރަކު الله އޭނާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރައްވާނެ ކަމަށް އެ އޮތީ އަންގަވާފައި،" ޖަމީލް ވިދާޅުވި އެވެ.

މި ވާހަކަތަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ ސިޔާސީ ވިޔަސް މިއީ ފުކެއް ބޮޑުވަރު ކަމަށާއި "ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެ ރަންވެފައި ތިބޭ" ކަމަށެވެ. އަދި 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ހިތަށް ގެނައުމުން "ބޮޑުތަނުން ރަނގަޅުވާނެ" ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވަނީ ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް މާތް الله ދެއްވާ އެއްޗެއް ކަމަށާއި އަދި ހެޔޮ ޢަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާނގެ ކަމަށްވެސް ވިދާޅުވެފަ އެވެ.