ރ. ހުޅުދުއްފާރުގައި ރަސްމީކޮށް މީހުން ދިރިއުޅެން ފެށިތާ 30 އަހަރު ފުރުން ފާހަގަކޮށްފި އެވެ.
އެކަމަށްޓަކައި ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ލޯކަލް މިނިސްޓަރު އާދަމް ޝަރީފެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހުޅުދުއްފާރަކީ ރ. އަތޮޅުގެ ގިނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަންތައްތައް، އެންމެ ފަސޭހައިން އެ އަތޮޅުގައި އިންތިޒާމު ކުރެވޭ އަދި އެންމެ ރަނގަޅަށް އެ ފަދަ ކަންކަމުގައި މަރުޙަބާ ކިޔާ ރަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެކަން އެގޮތަށް އެކަން ހިނގަމުން އަންނަނީ އެ ރަށަށް ހިޖުރަކޮށްފައިވާ ރަށްތަކުގެ ރައްޔިތުންގެ ކިބައިން ފާހަގަ ކުރެވިފައިވާ ޚާއްޞަ ސިފަތަކެއްގެ ސަބަބުން ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވީ ހުޅުދުއްފާރަކީ، ރައްޔިތުންގެ މެދުގައި ވަރަށް ބަދަހި ގުޅުމެއް އޮތް ރަށެއް ކަމަށާއި ޢިލްމީ ގޮތުންނާއި، މަސައްކަތްތެރިކަމުގެ ގޮތުން ވެސް ޤާބިލް ޒުވާނުންތަކެއް ހުޅުދުއްފާރުގައި މިއަދު އުފެދިފައިވާ ކަމަށެވެ.
ރޭ ހުޅުދުއްފާރުގައި ބޭއްވި ރަސްމިއްޔާތުގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުންނާއި، ލޯކަލްމިނިސްޓްރީގެ ބައއް ސްޓޭޓް މިނިސްޓަރުންނާއި، ކުލަސްޓާތައް ބެލެހެއްޓެވުމާއި ޙަވާލުވެ ތިއްބެވި މިނިސްޓްރީގެ ބައެއް އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.