ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ޕްރޮޕޯސަލްތައް ލިބެމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.
ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އަކީ ޓޫރިޒަމްގެ ދާއިރާ އިން ލަގްޒަރީ ފެންވަރުގެ ޚިދުމަތްދޭ ގައުމަކަށްވާއިރު، އެ ސިނާއަތުގައި މެޑިކަލް ޓޫރިޒަމް ވެސް ހިމެނުނަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
އެގޮތުން މެޑިކަލް ޓޫރިޒަމަށް ހޮސްޕިޓަލެއް އަޅަން ސަރުކާރުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނާޒިމު ވިދާޅުވީ ރާއްޖެ އަންނަ ބައެއް ފޮރިން އިންވެސްޓަރުން ރާއްޖޭގައި މެޑިކަލް ޓޫރިޒަމަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމުގެ ޝައުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި އެގޮތުން ބައެއް ފަރާތްތަކުން މިހާރު ޕްރޮޕޯސަލް ހުށައަޅަމުން އަންނަ ކަމަށެވެ.
އެގޮތުން ރިސޯޓެއްގައި ހޮސްޕިޓަލަކާއި ޓްރީޓްމަންޓު ދެވޭނެ ޚިދުމަތާއި މީހުންނަށް ތަމްރީނު ދެވޭނެ ކޮލެޖަކާ އެކު ތަރައްގީ ކުރުމަށް ވެސް ބައެއް ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެހެންވެ އުޞޫލުތަކުގެ ތެރެއިން އިކޮނޮމިކް ކައުންސިލަށް ހުށައަޅައިގެން އެކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެއީ ވަރަށް ރަނގަޅުކަމެއް،" ނާޒިމު ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ދަނީ އެކްސްޕްލޯ ވެސް ކުރަމުން. އެކަން އެގޮތައް ކުރެވިއްޖެ ނަމަ ހިނގައިމުކަމަށް ވާނެ."
ރާއްޖެ އަށް މެޑިކަލް ޓޫރިޒަމް ތައާރަފު ކުރުން ވަރަށް މުހިއްމު ކަމެއް ކަމަށް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރާ މައި ކުންފުނި، އެމްއެމްޕީއާރްސީން ވެސް ބުނެފައިވެ އެވެ.
އެެހެންވެ އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އެމްއެމްޕީއާރްސީ އާއި ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްޗާ އޭޑީކޭ ހޮސްޕިޓަލް ގުޅިގެން މަތީ ފެންވަރުގެ ބޭސްފަރުވާގެ ޚިދުމަތް ދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެކަމުގެ އެއްބަސްވުމެއްގައި އެމްއެމްޕީއާރްސީ އާއި އޭޑީކޭ ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ގަ އެވެ.