މިއަދު 98 ވަނަ އަހަރީ ދުވަސް ފާހަގަކުރާ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ އެއް ސްކޫލް ކަމަށްވާ މާލޭގެ މަޖީދިއްޔާ އަކީ ރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ ސްކޫލްގެ އަހަރީ ދުވަހާ ގުޅިގެން ފޮނުވި ތަހުނިޔާގެ މެސެޖެއްގައި ރައީސް ވިދާޅުވީ މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" ގައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" ގައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނާންނާނެ ކަމަށެވެ.
މަޖީދިއްޔާގެ "ފަޚުރުވެރި ހިޔަލުން" މި ޤައުމަށް ގެނުވި ކުރިއެރުމާއި، "މަޖީދިއްޔަ ނޫރުން" މި ޤައުމަށް ދިން ޢިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް.
މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި "ޢިލްމީ ބަގީޗާ". މަޖީދިއްޔާގެ ހަނދާންތައް… pic.twitter.com/gsjLR9uJtj
— Dr Mohamed Muizzu (@MMuizzu) April 19, 2025
"މަޖީދިއްޔާ އަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ އުނގު. މި ޤައުމުގެ އެންމެ ޝަރަފްވެރި ޢިލްމީ ބަގީޗާ،" ރައީސް ވިދާޅުވި އެވެ. "މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގަައި ބިންވަޅު ނެގިފައި ވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު."
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާ އަށް 98 އަހަރު ފުރޭ ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނަށާއި ބެލެނިވެރީންނަށާއި މުދައްރިސުންނާއި ހިންގުންތެރީންނަށާއި ޚިދުމަތްތެރީންނަށް އަރިސް ކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ ދުޢާތަކާ އެކު ކަމަށެވެ.