ރާއްޖޭގައި ތިބި އިމާމުންނަށް ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިއަދު ވަނީ އިސްލާމީ ޔުނިވާސިޓީން ދަސްވެނިވި އިމާމުންނާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި ޝަހީމް ވަނީ ގިނަ އަދަދެއްގެ އިމާމުން ދަސްނެވިވެފައިވާތީ އެކަމާއި އުފާ ކުރައްވާ ކަމަށާއި އިމާމުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ކިޔުއްވާފަ އެވެ. އިމާމުން ވަނީ މި ބައްދަލުވުމުގައި އެ ފަރާތްތަކަށް ދިމާވާ އެކި ދަތިތަކުގެ މަޢުލޫމާތު ވަޒީރާއި ހިއްސާ ކުރައްވާފަ އެވެ.
އެ ބައްދަލުވުމަށްފަހު ޝަހީމް ރަސްމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމާމުންނަކީ މަތީ ތަޢުލީމާއި ޒަމާނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ ވުޒާރާގެ އަޒުމެއް ކަމަށާއި ނޭއްގާނީ ފިކުރުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ ޢިލްމު އުނގަންނައިދީގެން ކަމަށެވެ.
މީގެއިތުރުން އިމާމުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދެއްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.