Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޓްރޭޑިއަން' ބޭނުން ކުރަން ފަށައިފި

ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް މިއަދު ބޭނުންކުރަން ފަށައިފި އެވެ.

ކަސްޓަމްސް އިން ވަނީ ޝިޕިން އޭޖެންޓުންނާއި، ފްރައިޓް ފޯވާޑިންގެ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސް އަށް ހުށަހަޅަން ޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށައިފަ އެވެ.

"ޓްރޭޑިއަން" ބޭނުން ކުރަން ފެށި މިދިޔަ ފެބްރުއަރީ މަހުގެ 2 ގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށް ދެމުން ގެންދާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކަ އެވެ.

އެހެންވެ ކަސްޓަމްސް އަށް ހުށަހަޅަންޖެހޭ މަޢުލޫމާތު މިއަދުން ފެށިގެން ދެން ހުށަހަޅަން ޖެހޭނީ "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށެވެ.

މިގޮތަށް ހަމަޖެއްސި ނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، އަންނަ މަހުގެ ގެ 31 ގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީޓީއޭ) އާގުޅޭ މަޢުލޫމާތު ކަސްޓަމްސް އަށް ހުށަހެޅޭނެ އެވެ.

ނަމަވެސް ޖޫން 1 އިން ދުވަހުން ފެށިގެން ޚިދުމަތްތައް ހޯދޭނީ tradian.gov.mv މެދުވެރިކޮށެވެ. ސުންގަޑީގެ ކުރިން އެ ޕްލެޓްފޯމްގައި ރަޖިސްޓްރީ ކުރުމަށް ޝިޕިން އެޖެންޓުންނަށާއި ފްރައިޓް ފޯވަޑިންގގެ ޚިދުމަތްދޭ ފަރާތްތަކަށް ކަސްޓަމްސް އިން އިލްތިމާސްކޮށްފައިވެ އެވެ.

މިކަމާ ގުޅޭ މައުލޫމާތު ކަސްޓަމްސްގެ ޓްރޭޑިއަންގެ ސަޕޯޓްގެ ނަމްބަރު 3334001 އަށް ގުޅައި ގުޅުއްވާ ނުވަތަ މި support@tradian.gov.mv މެއިލް މެދުވެރިކޮށް ހޯދޭނެ އެވެ.