މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އައްޑޫ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރުކޮށްފައި ވަނީ ހިތަދޫ، ޑިވައިންޓެސްޓް، ބަދީޢުއްޒަމާން، 41، އެވެ.
ފުލުހުން ބުނީ އޭނަ އަތުލައިގަތީ މާލެއިން ކ. ހިންމަފުއްޓަށް މަސްތުވާތަކެތި ގެންދަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަނދެއްގައި ބޮޑުތަކުރުފާނު މަގު އެމްއެމްއޭ ސަރަހައްދުން މި މަހުގެ 16 ގައި ކަމަށެވެ. މި އޮޕަރޭޝަނުގައި ބަދީއު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 52.32 ގްރާމް ހުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.