Last Updated: April 22, 18:02
Tuesday, April 22, 2025
ޚަބަރު

ޝަމްއާންގެ އިސްތިއުނާފް ޝަރީއަތް މާދަމާ ފަށަނީ

ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް މާދަމާ ފެށުމަށް ހައިކޯޓުގައި ތާވަލުކޮށްފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށްވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ޝަމްއާންގެ މައްޗަށް ކުރި ފުރަތަމަ ބަންދު އަމުރު އިސްތިއުނާފު ކުރުމުން މިދިޔަ މަހުގެ 27ގައި ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް ޝަމްއާންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން ވަނީ ޝަމްއާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކާމެދު ގާނޫނީ ބަހުސެއް އޮތުމުން، މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފަ އެވެ.

ޝަމްއާންގެ އިސްތިއުނާފް ޝަރީއަތް ހައިކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 13:15 އަށެވެ.

ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އަދި އެ މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.

ޝަމްއާން އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލަ އެވެ.