ދެ ޙަރަމްފުޅުގެ އިމާމެއް ރާއްޖެއަށް ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.
މަސްޖިދުއް ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާދަމާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ޝަހީމް ވިދާޅުވީ، މި ދަތުރުފުޅަކީ ރާއްޖޭގެ އިސްލާމީ ޝަޙުސިއްޔަތު ހަރުދަނާ ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިސް ޝަޙުސިއްޔަތުން ރާއްޖެ ގެނައުމަށް ކުރެވޭ މަސައްކަތުގެ ފެށުން ކަމަށެެވެ. އަދި މި ދައުރުގެ ތެރޭގައި ކުރިއަށް އޮތްތަނުގައި ފާހަގަކޮށްލެވޭ އިތުރު ބޭފުޅުން ގެނައުމަށް މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޙަރަމްފުޅުގެ އިސް އިމާމެއް ރާއްޖެ ވަޑައިގެންނެވުމުން ހާމަކޮށްދެނީ ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގާތް ގުޅުންކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި ދެ ޤައުމުގެ ގުޅުން އިތުރުވެގެންދާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
މިއީ 40 އަހަރު ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އެންމެ ފަހުން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންފައި ވަނީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށް 1984 ގަ އެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ހަރަމްފުޅުގެ އިމާމު ފަޟީލަތުއް ޝައިޚު މުހައަމަދު އައްސުބައްޔިލެވެ.
ޑރ. ސަލާހުލްބުދައިރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރަށް، އާއްމު ރައްޔިތުންނަށް ދީނީ ދަރުހެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ވެސް ޒިޔާރަތް ކުރައްވާނެ އެވެ.