Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

މިލަންދޫން މިހާރު އައިޑީ ކާޑު ހެއްދޭނެ

ށ. މިލަންދޫގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި އެވެ.

އެ ހިދުމަތް އެ ރަށުގައި ފޯރުކޮށް ދޭނީ މިލަންދޫ ކައުންސިލުންނެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ މިލަންދޫގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އިއްޔެ ފެށުމާ ގުޅިގެން އައިޑީ ކާޑު ހައްދަން ހުށަހަޅާތާ 24 ގަޑިއިރު ތެރޭގައި ކާޑު ލިބޭނެ ކަމަށެވެ.

މުޅި ރާއްޖެ އަށް މި ހިދުމަތް ފުޅާ ކުރަން ޑީއެންއާރް އިން މަސައްކަތް ކުރަމުން އަންނަ އިރު، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

މިލަންދޫ ކައުންސިލުން މެދުވެރިކޮށް އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފެށި އިރު، ށ. އަތޮޅު ކައުންސިލް މެދުވެރިކޮށް އެ ހިދުމަތް ވަނީ މިދިޔަ ހަފުތާގައި ދޭންް ފަށައިފަ އެވެ.