ރިޔާސީ އިންތިހާބު އެއްބުރުން ނިންމުމަކީ އެންމެ ޤާބިލު އެކަށީގެންވާ މީހާ ވެރިކަމަށް އިންތިޚާބު ކުރުމަށް ރައްޔިތުންނަށް ލިބޭނެ ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ނުބާއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒާއި ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މިހާރު ވަރަށް ބޮޑަށް ވަކާލާތު ކުރަމުން އަންނަ އިރު، ޝަހީމު ވިދާޅު އެކަމަކީ ވަގުތު ސަލާމަތްވުމާއި މާލީ ގޮތުން ވެސް ބުރަ ކުޑަ ގޮތަކަށް ވާނެ ކަމަށެވެ.
"އެހެންކަމުން މިއީ ރައްޔިތުންނާއި ދައުލަތުގެ މަޞްލަޙަތު އެކަމުގައި އޮތް ކަމެއް ކަމުގައި ދެކެން." އޭނަ ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ވެސް ނިޒާމީ ހެޔޮ ބަދަލަކަށް ވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމުގައި އިޞްލާޙު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވި އެެވެ.
"ޒަމާނަށް އަންނަ ބަދަލުތަކާ ގުޅިގެން ވަގުތާއި ޙާލަތަށް ރިޢާޔަތްކޮށް ނިޒާމީ ބަދަލު ގެނައުމަކީ ދައުލަތުގެ މަތީ މަޞްލަޙަތު އެކަމުގައި އޮތް ކަމެއް." އޭނަ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ދެ ބުރަކަށް ނުބާއްވާ ގޮތަށް ރައީސް ވަކާލަތު ކުރައްވަމުން ގެންދަވާ އިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން އަންނަނި އެކަމާ ދެކޮޅު ހަދައި ފާޑު ކިޔަމުންނެވެ. އެ ޕާޓީން ބުނާ ގޮތުގައި ގާނޫނޫއަސާސީއާ ކުޅެ، މިފަދަ ބަދަލެއް ގެންނަން ސަރުކާރުން އުޅެނީ ރައީސް މުއިއްޒު ދެވަނަ ދައުރެއް ހޯއްދެވުމަށެވެ.