Last Updated: April 21, 15:31
Monday, April 21, 2025
ދުނިޔެ

އެކްސިޑެންޓްތަކުގައި ކޮންމެ 3 މިނިޓަކުން މަރެއް

އިންޑިއާގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތަކުގެ ސަބަބުން ކޮންމެ ތިން މިނިޓަކުން މީހަކު މަރުވާ ކަމަށް ރިޕޯޓެއްގައި ބުނެފި އެވެ.

ދުނިޔޭގައި ދެވަނަ އަށް އެންމެ ބޮޑު ރޯޑް ނެޓްވޯކް އޮތް ގައުމުގައި 2023 ގައި ހިނގާފައިވާ މަގުމަތީގެ ހާދިސާތަކާ ގުޅޭ ގޮތުން ނެރެން ތައްޔާރުވަމުން އަންނަ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އެ އަހަރު އެކަނި ވެސް އިންޑިއާގެ މަގުމަތީގެ އެކްސިޑެންޓްތަކުގައި 172،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް އެކްސިޑެންޓްތަކުގައި 474 މީހުން މަރުވާ އިރު، ކޮންމެ ތިން މިނިޓަކުން އެކްސިޑެންޓެއްގައި މީހެއްގެ ފުރާނަ ގެއްލޭނެ ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެ ރިޕޯޓްގައިވާ ގޮތުން 2023 ގައި ހިނގި އެކްސިޑެންޓްތަކުގައި 10،000 ކުދިން މަރުވެފައިވާ އިރު، ސްކޫލްތަކާއި ކޮލެޖްތަކާއި ފަދަ ތަންތަނުގެ ކައިރީގައި ހިނގާފައިވާ އެކްސިޑެންޓްތަކުގައި ވެސް 10،000 މީހުން މަރުވެފައިވެ އެވެ. އަދި މަގުމަތީގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްކުގައި، މަގުމަތީގައި ކައިބޮއި ނިދާ އުޅޭ މީހުންގެ ތެރެއިން 35،000 މީހަކު ވެސް 2023 ގައި މަރުވެފައިވެ އެވެ.

އިންޑިއާގެ ރޯޑް ޓްރާންސްޕޯޓް އެންޑް ހައިވޭސް މިނިސްޓަރު ނިތިން ގަދްކާރީ ވިދާޅުވީ އެ ގައުމުގެ މަގުމަތީގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވާން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެހެންވެ މަގުތަކުގެ ރައްކާތެރި ކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅައި، އާންމުން ހޭލުންތެރި ކުރުވަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައި ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އިންޑިއާގެ މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކަށް ބަލާ އިރު، އެންމެ ގިނަ އެކްސިޑެންޓްތައް ހިނގަނީ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ހެލްމެޓާއި ސީޓް ބެލްޓް ނާޅައި ދުއްވުމާއި މުދާ އުފުލާ އުޅަނދުތަކަށް އެކަށީގެން ނުވާ ވަރަށް މުދާ އަރުވައިގެން ދުއްވައިގެން ހިނގާ އެކްސިޑެންޓްތައް ވެސް ގިނަ އެވެ.

އަދި ލައިސަންސް ނެތި ދުއްވާ މީހުންނަކީ ވެސް މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ގޮންޖެހުމެކެވެ.

ދެހާސް ތޭވީހުގައި ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާ އިރު ހެލްމެޓް ނާޅައި ސައިކަލް ދުއްވުމުގެ ސަބަބުން އެކްސިޑެންޓްވެ މަރުވި މީހުންގެ އަދަދު 54،000 އަށް އަރަ އެވެ.