އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ބަތަލާ ރާނީ މުކަރްޖީގެ "މަރުދާނީ" ފްރެންޗައިޒްގެ ތިން ވަނަ ބައި ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.
އޭނަގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ސްޓޫޑިއޯ، ޔާޝްޔާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ ފިލްމު ސިނަމާތަކަށް ދޫކޮށްލަން ތާވަލުކުރީ އަންނަ އަހަރުގެ ފެބްރުއަރީ 27 ގަ އެވެ.
ރާނީ ފުލުހެއްގެ ރޯލު ކުޅެމުން އަންނަ "މަރުދާނީ" ގެ ތިން ވަނަ ބައިގެ ޑައިރެކްޓަރަކީ އަބިރާޖް މިނަވާލާ އެވެ. އޭނަ އަކީ ވައިއާރްއެފްގެ ފިލްމުތައް ކަމަށްވާ ސަލްމާން ޚާންގެ "ޓައިގާ 3" އާއި "ސުލްތާން" ގެ އިތުރުން ރަންވީރު ސިންގް އާއި އަރުޖުން ކަޕޫރްގެ "ގުންޑޭ" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
"މަރުދާނީ" ގެ ފުރަތަމަ ބައި ގެނެސްދިނީ 2014 ގަ އެވެ. އެ ޑައިރެކްޓްކުރީ 2023 ގައި މަރުވި ޕްރަދީޕް ސަރުކާރެވެ. އަދި 2019 ގެ "މަރުދާނީ 2" އަކީ ގޯޕީ ޕުތުރާން ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ.
އެ ދެ ފިލްމު ވެސް ވަރަށް ކާމިޔާބެވެ.
މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ރާނީގެ އެންމެ ފަހު ފިލްމަކީ މިދިޔަ އަހަރުގެ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" އެވެ.