ބަންކަރިންގެ ހިދުމަތް ދިނުން ހުއްޓާނުލާ ކަމަށާއި އެ ހިދުމަތުން އުންމީދީ ރަނގަޅު ނަތީޖާއެއް ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހު އެވެ. ރާއްޖެއިން ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ބަންކަރިންއަކީ ބައިނަލްއަގުވާމީ ބޮޑު ވިޔަފާރިއެއް ކަމަށާއި އެ ހިދުމަތުން ލިބޭ އާމްދަނީ ކޮންމެ ދުވަހަކު މީޑިއާއާ ހިއްސާނުކުރެވުނު ނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ މާލީ ހިސާބުތަކުން އެ އަދަދުތައް ފެންނަން ހުންނާނެ ކަމަށެވެ.
"މި މަސައްކަތް ހަވާލުކުރީ އެސްޓީއޯއަށް. އުންމީދީ ރަނގަޅު ނަތީޖާއެއް ލިބެމުން އެބަދޭ. ޓާގެޓް ކުރިގޮތަށް ކުރިއަށްދޭ،" ސައީދު ވިދާޅުވި އެވެ.
ބަންކަރިންގެ ހިދުމަތް ފަށާ ދުވަހު ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް 400 މިލިއަން ޑޮލަރު ވަދެގެންނާނެ ކަމަށް އެއްވެސް އިރަކު ނުދަންނަވާ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.
"އެއްވެސް ހާލެއްގައި ނުދަންނަވަން ބަންކަރިން ފަށާ ދުވަހުގެ 400 މިލިއަން ޑޮލަރު ރާއްޖޭއަށް ވަދެގެންދާނެ ކަމަކަށް. އެއީ މި ވާހަކަ މިއީ ޓުއިސްޓް ކޮށްގެން ބައެއް ފަރާތްތަކުން ދެއްކި ވާހަކައެއް. މި މަސައްކަތް ހުއްޓާލައިފިއޭ ވެސް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ވިދާޅެއް ނުވާނެ. މި މަސައްކަތް އެބަދޭ ކުރިއަށް. އުތުރުގައި ވަން އޮފް ޕޯޓް އޭރިޔާއެއް ގާއިމްކުރެވިފައިވަނީ،" ސައީދު ވިދާޅުވި އެވެ.