ބ. އޭދަފުށީގައި ބެލެނިވެރިޔަކާއި ނުލައި ރޭގަނޑު އެކަނި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރަން ފަށައިފި އެވެ.
އޭދަފުށި ޕޮލިސް ސްޓޭޝަނުން ޗިލްޑްރެން ޑާޓާ ބޭސް އިފްތިތާހުކޮށް ޑާޓާ ބޭސް އެއްކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
ފުލުހުން ބުނީ މި މަހުގެ 20 ވަނަ ދުވަހު ފެށި މަސައްކަތަކީ ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކޮށް އަދި ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް އިދާރާތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ފެށި ހަރަކާތެއް ކަމަށެވެ.
އެމަސައްކަތުގެ ތެރެއިން، ރޭގަނޑު 10 ގެ ފަހުން ބެލެނިވެރިޔަކާ ނުލައި ގެއިން ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައަށް ގެނައުމަށް އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް، ރަށްރަށުގެ އިދާރާތަކާ ގުޅިގެން އެކި ހަރަކާތްތައް ފުލުހުން ދަނީ ހިންގަމުން ކަމަށެވެ.