Last Updated: April 25, 18:00
Friday, April 25, 2025
ޚަބަރު

ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި އެބަފެނޭ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް

ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މާ ބޮޑަށް ދަށަށް ދާ މަންޒަރު ނުފެނުނަސް މިހާރު އެހާ ގިނަ އަދަދަކުން ބޭންކްތަކަށް ޑޮލަރު ވަންނަމުންދިއުމަކީ އޭގެ ނަތީޖާ އަވަހަށް ފެންނާނެ ކަމެއް ކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާ ވާ ކުންފުނިތަކުން ޑޮލަރު ހޯދުމަށް ކަޅު ބާޒާރަށް ވަނުން ހުއްޓާލާނެ ކަމަށާއި އެހާ ހިސާބުން ކަޅު ބާޒާރަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަަމަށެވެ.

"އެމްއެމްއޭގެ އާ ގަވައިދުގެ ދަށުން ޑޮލަރުގެ އަގު އިތުރަށް ދަށްވެ، ކަޅު ފައިސާގެ ބާޒާރު ކުރިއަށް އޮތް ތަނުގައި ހީނަރުވެގެން ދާނެ ކަމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް ފެންނާތީ އެކަން އެގޮތަށް ލަފާ ކުރެވޭ ކަމުގައި އެ އޮތީ އެމްއެމްއޭއިން ވެސް ވިދާޅުވެފައި އަވަސް ފުރުސަތެއްގައި،" ސައީދު ވިދާޅުވި އެވެ.

ޑޮލަރުގެ މައްސަލައަކީ ޒަމާނުއްސުރެ އޮތް މައްސަލައެއް ކަމަށާއި މިކަން ހައްލު ކުރުމަށް ހުރިހާ ސަރުކާރަކުން ވާހަކަ ދެއްކި ކަމަށް ސައީދު ވިދާޅުވި އެވެ. ނަމަވެސް މިކަން ހައްލު ކުރުމަށް ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް ފިޔަވަޅުތަކެއް އެޅުއްވީ ރައީސް މުއިއްޒު ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ހައްލުތައް އެމަނިކުފާނު ހޯއްދަވައި ދެއްވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.