Last Updated: April 25, 17:43
Friday, April 25, 2025
ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި ބިދޭސީން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގަ އެވެ.

މި ބިދޭސީން އަތުލައިގަތީ މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ހިންގަމުންދާ ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކުރުމަށްފަހު އެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު މި އޮޕަރޭޝަންގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވެސް ވަނީ ޤާއިމްކޮށްފަ އެވެ. އިމިގްރޭޝަން ވޮޗަށް މިހާތަނަށް 1297 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވެ އެވެ.