މިދިޔަ އަހަރުގެ ފިލްމު "ވޭދާ" ގައި ޖޯން އަބްރަހަމްގެ އަންހެނުންގެ ރޯލު ކުޅުނު ތަމަންނާ ބާޓިއާ އަނެއްކާ ވެސް ޖޯންގެ އަންހެނުންގެ ރޯލު ކުޅެން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފަހަރުގެ ފިލްމަކީ މުމްބާއީގެ ކުރީގެ ޕޮލިސް ކޮމިޝަނަރު ރާކޭޝް މާރިއާ އަށް ބިނާކޮށް ޑައިރެކްޓަރު ރޯހިތު ޝެޓީ ހަދަން ހަމަޖެހިފައިވާ ފިލްމެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ރާކޭޝްގެ ރޯލު ޖޯން ކުޅޭ އިރު އަންހެނުން ޕްރިތީ މާރިއާގެ ރޯލު ކުޅޭނީ ތަމަންނާ ކަމަށެވެ.
ނަމަވެސް މިކަން އަދި ކަށަވަރެއް ނުވެ އެވެ. އެކަމަކު ރޯހިތުގެ މި ފިލްމު ވާނީ އޭނައާ އެކު ޖޯން އާއި ތަމަންނާ ވެސް މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ޝޫޓިން މި މަހުގެ ތެރޭގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ އޭނަގެ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ އަޖޭ ދޭވްގަންގެ "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ބައި "ސިންގަމް އެގެއިން" އެވެ. އެ ރިލީޒްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
ރޯހިތާއި ޖޯންގެ ފިލްމަށް ތަމަންނާ ނެގި އިރު، އޭނަ މިހާރު އަންނަނީ އަޖޭއާ އެކު ޑައިރެކްޓަރު ޖަގަން ޝަކްތީގެ ޖަންގަލް އެޑްވެންޗާ "ރޭންޖާ" ގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަންނަ މަހުގެ 1 ގައި ރިލީޒްކުރާ އަޖޭގެ "ރެއިޑް 2" އައިޓަމް ލަވައެއް ވެސް ތަމަންނާ ކުޅެފައިވެ އެވެ.