ކެންޔާގެ ވެރިރަށް ނައިރޯބީގައި ސިންގާއެއް ދިން ހަމަލާއެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.
ކެންޔާ ވައިޑްލައިފް ސާވިސް (ކޭޑަބްލިއުއެސް) އާ ހަވާލާދީ މީޑިއާތަކުން ބުނީ އިއްޔެ އެ ހާދިސާ ހިނގީ ނައިރޯބީގެ ނެޝަނަލް ޕާކް ސަރަހައްދުގައި ކަމަށެވެ. އެގޮތުން އެ ޕާކް ސަރަހައްދުގެ ގެއަކަށް ސިންގާ ވަދެ، ދިން ހަމަލާގައި ކުއްޖާ މަރުވި އިރު، އެ ގޭގައި އުޅުނު ފުރާވަރުގެ އެހެން ކުއްޖަކު ސަލާމަތްވެފައިވާ ކަމަށް ބުންޏެވެ.
ކޭޑަބްލިއުއެސްގެ ސީނިއާ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޕޯލް އުޑޯޓޯ ބުނީ އެ ސިންގާ އާންމުން އުޅޭ ސަރަހައްދަށް ވަދެ ގަތީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ޕާކްގެ ފެންސް މަތިން ފުންމާލައިގެން ބޭރުވެ ކަމަށެވެ. އަދި ހާދިސާ ހިނގީ ޕާކްގެ ރޭންޖަަރުން އެ ސިންގާ ހޯދައި އަތުލައިގަންނަން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ވެސް ވިދާޅުވި އެވެ
ކުއްޖާ މަރުވި ހާދިސާއާ ގުޅިގެން ސިންގާ ހޯދުމުގެ މަސައްކަތަށް މިހާރު ވަނީ ހާއްސަ ޓީމެއް ވެސް ނެރެފަ އެވެ.
ސިންގާއެއް ދިން ހަމަލާގައި ކުއްޖަކު މަރުވި އިރު، މިދިޔަ ހުކުރު ދުވަހު ކެންޔާގެ ޖަންގަލި ތެރޭގައި އެތެއް ދިން ހަމަލާއެއްގައި 54 އަހަރުގެ ފިރިހެނަކު ވެސް މަރުވެފައިވެ އެވެ.