Last Updated: April 24, 17:49
Thursday, April 24, 2025
ޚަބަރު

ހިޔާވަހި ސްކީމަށް ކުރެހުން ހުށަހެޅުމުގައި ލުޔެއް

އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް / ފޮޓޯ: ރައީސް އޮފީސް

ހިޔާވަހި ފައިނޭންސިންގ ސްކީމަށް ކުރެހުން ހުށަހެޅުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީ ކަމަށެވެ.

ނަމަވެސް ވަރަށް ގިނަ ފަރާތްތަކުން، މި ސްކީމަށް މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅާފައިވާތީ މި ކުރެހުންތައް ފާސްކުރުމަށް ވަރަށް ގިނަ ދުވަސް ނަގާނެތީ ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ މި ސްކީމަށް ހުށަހެޅޭ ގޮތަށް އުޞޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދެވޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.

މި ފައިނޭންސިންގެ ދަށުން ޖުމްލަ ތިން ސްކީމެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ސްކީމު ޚާއްސަކޮށްފައިވަނީ އަތޮޅު ތެރޭގެ ރަށްތަކަަށެވެ. އެ ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ހައުސިން ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ލޯނު ލިބޭނެ އިރު، މި ލޯނުގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެ އެވެ.

ދެވަނަ ސްކީމު ކަނޑައަޅާފައިވަނީ އާބަން ސެންޓަރުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ރަށްތަކަށް ވާއިރު، އެ ސްކީމުގެ ދަށުން ތިން މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ލިބޭނެ އެވެ. އަދި ތިން ވަނަ ސްކީމުގެ ދަށުން މާލެ އަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، އެ ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށް ވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ފަރާތްތަކަށް، އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލޯނަށް އިތުރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.