Last Updated: April 24, 16:58
Thursday, April 24, 2025
ޚަބަރު

ސިފައިންނަށް ވަސީލަތްތައް ހޯދައިދިނުމުން ފަހުރުވެރިވާން ޖެހޭ

ސިފައިންނަށް ވަސީލަތްތައް ހޯދައިދިނުމުން އެކަމާ ފަހުރުވެރިވާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ ވަސީލަތްތައް އިތުރުކުރުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށާއި މިއީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށެވެ.

"ދިވެހި ސިފައިންގެ ފެންވަރު މަތިކުރުމާއި ސިފައިންނަށް ހޯދައިދޭންޖެހޭ ވަސީލަތްތައް ހޯދައިދިނުމާއި ސިފައިންނަށް ދޭންޖެހޭ ތަމްރީނު ދިނުމާއި ސިފައިންގެ ބާރު ވަރުދަކުރުމާއި މި ކަންކަމަކީ އަޅުގަނޑުމެން ފަހުރުވެރިވާންޖެހޭނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިފައިންނަށް އެކިއެކި ތަކެތި ހޯދައިދިނުމުން އެކަމާ ލަދުގަންނަ ނަމަ އެމީހެއްގެ ގައުމީ ލޯބި އޮތީ ކިހާ ހިސާބެއްގައިތޯ އަމިއްލަ ނަފްސާއި ސުވާލުކުރަންޖެހޭ ކަމަށެވެ.

"ތިމަންނައަކީ ގައުމު ދެކެ ލޯބިވާ ދިވެއްސެއްތޯ. މި ގައުމަށް އުފަންވި މައް ދިވެއްސެއް ވެއްޖެއްޔާ ގައުމީ ލޯބި ހުންނަންޖެހޭނެ. އެ ގައުމީ ލޯބި ހުންނަ ކޮންމެ މީހަކު ފަހުރުވެރިވާންޖެހޭނެ ދިވެހި ފަހުރުވެރި ސިފައިންނަށް ސަރުކާރުން ހޯދައިދޭ ކޮންމެ ކުރިއެރުމަކަށް،" ރައީސް ވިދާޅުވި އެވެ.

ގައުމީ ދިފާއީ ބާރު ވަރުގަދަކުރަން ކުރެވޭ މަސައްކަތަކީ ގައުމުގެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކާ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށް މަލާމާތް ކުރާ މީހުންނަކީ ގައުމިއްޔަތު ކަމެއް ނެތް، މަވެތި ކަމުގެ އިންތިހާއަށް ގޮސްފައިވާ އަދި ސިޔާސީ ގޮތުން ގޮސް ގައުމަށް ކޮންމެ ފަދަ ގޮތެއް ވެގެންދިޔައަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ އެ ވިސްނުމުން ގައުމު ސަލާމަތް ކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެއްސެއްގެ ވެސް ވާޖިބެއް ކަމަށާއި ސިފައިންގެ ކެޕޭސިޓީ އިތުރުކުރަން ކުރެވޭ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ.