ދުރު ނޫން މުސްތުގަބަލެއްގެ ތެރޭގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަކީ އެމަނިކުފާނުގެ ތަސައްވުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދިނުމުގައި ފަހުރުވެރިކަމާއެކު ސަރުކާރު ދާނީ ކުރިއަށް ކަމަށާއި އެގޮތުން އެމަނިކުފާނުގެ ތަސައްވުރަކީ މާ ދުރު ނޫން މުސްތަގުބަލެއްގައި ސިފައިންގެ ތެރޭގައި އެއާފޯސް އާއި ނޭވީ އަދި އާމީ އުފެއްދުން ކަމަށެވެ.
"އެހާ ހިސާބަށް ދިވެހި ސިފައިންގެ އަސްކަރިއްޔާގެ ބާރު ވަރުގަދަ ކުރަން މަސައްކަތް ކުރާނަން. އެހާ ހިސާބަށް ގެންދިޔުމުގައި ކުރަން ހުރި ގިނަގުނަ މަސައްކަތް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަކުޑަ އާބާދީއެއް ނަމަވެސް މިއީ ސަރަހައްދުގެ ގޮތުން ބިޔަ ގައުމެއް ކަމަށެވެ. އަދި ގައުމުގެ އިގްތިސާދު މިނިވަންކޮށް ހިމާޔަތް ކުރެވޭނީ ވެސް ސިފައިންނަށް އަސްކަރީ ބާރުވެރިކަން ގެނެސްދެވިގެން ކަމަށާއި މި މަސައްކަތް ކުރަނީ އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ ވަށާޖެހިފައިވާ ސިޔާސަތެއްގެ ދަށުން މިކުރަނީ ކޮން ކަމެއްކަން އެނގި ތިބެ، ގައުމަށްޓަކާ ކުރާ މަސައްކަތެއް. މި މަސައްކަތް މިގޮތުގައި ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
ސިފައިންގެ އެހެނިހެން ދާއިރާތަކުން ވެސް ކެޕޭސިޓީ އިތުރުކުރުމަކީ ރިޔާސީ ބަޔާނުގައި ވެސް ފާހަގަކުރެއްވި ފަދައިން ކުރަމުންދާނެ މަސައްކަތެއް ކަމަށާއި ސިފައިންގެ ތެރޭގައި އޮތް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ދާއިރާ ވެސް އޮތީ އޮތް ހިސާބުގައި ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ ކުރީގެ ސަރުކާރުތަކުން އެ ދާއިރާ އޮތް ހިސާބެއްގައި އޮންނަން ދޫކޮށްލީ ކީއްވެގެންތޯ ރައްޔިތުން ސުވާލުކުރަންޖެހޭ ކަމަށާއި މި ސަރުކާރުން އެ ދާއިރާއަށް ވަސީލަތްތައް ހޯދައިދިނުމަށް މަސައްކަތްތައް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ތަމްރީނު ކުރެވޭ ސިފައިންގެ އަދަދު އިތުރުކުރަން ސިފައިންގެ ތަމްރީނު މަރުކަޒުތައް ބޮޑުކުރުމާއި އިތުރުކުރުން ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި ނޭޝަނަލް ސާވިސް އަށް ކުރިމަތިލާން ދާދި އަވަހަށް ހުޅުވާލާނެ ކަމަށާއި މިއީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމާއެކު ސިފައިންގެ ކެޕޭސިޓީ އިތުރުކުރަން ކުރާ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.