އެމަނިކުފާނުގެ އެންމެ އިސް ވާޖިބަކީ ގައުމު ހިމާޔަތް ކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 2023 ނޮވެމްބަރު 17 ގައި މާތްﷲ ގަންދީ ހުވާކޮށް ރައްޔިތުން ހަވާލުކުރި ވާޖިބު އަދާކުރުމުގެ މަސައްކަތް ފެށީ އެ ހުވާގައިވާ ގޮތަށް އަކުރުން ފިއްޔަށް ރައްޔިތުންނަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ހިދުމަތް ކުރުމަށް ކަމަށެވެ.
"އެންމެ އިސް ވާޖިބެއްގެ ގޮތުގައި އެ ދުވަހު ވެސް މިއަދުވެސް އަދި މާދަމާ ވެސް ދެކޭނީ ދިވެހި ގައުމު ހިމާޔަތް ކުރުން. ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްކޮށް ރައްކާތެރިކޮށް ކަށަވަރުކަމާ އެކީގައި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެކަމުގެ އެންމެ ފުރިހަމަ އަދި އެންމެ މުހިއްމު ބައިވެރިންނަކީ ދިވެހި ސިފައިން ކަމަށެވެ. އެގޮތުން މިއަދާއި ހަމައަށް އައިއިރު މި މަސައްކަތުގައި ކަންތައްތަކެއް ހާސިލުކުރެވިފައިވާ ކަމަށާއި ގައުމު ހިމާޔަތް ކުރާނީ ހުރިހާ މާނައެއްގައި ވެސް މިނިވަންކަން ހިމާޔަތް ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރޭގައި އިޤްތިޞާދީ މިނިވަންކަމާއި އަސްކަރީ މިނިވަންކަން ވެސް ހިމެނޭކަން ރައީސް ފާހަގަކުރެއްވި އެވެ.
ވައިގެ މަގުން ރާއްޖޭގެ ބިޔަ ބޮޑު އިގްތިސާދީ ސަރަހައްދު ހިމާޔަތް ނުކުރެވި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރި މަސައްކަތުގައި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި މިއީ ފެށުމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އުތުރާއި ދެކުނުގައި ވައިގެ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އެއީ ރާއްޖޭގެ ބިޔަ ބޮޑު ސަރަހައްދުގެ ހިމާޔަތަށްޓަކާ ކުރެވޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދުރު ނޫން މުސްތުގަބަލެއްގެ ތެރޭގައި ދިވެހި ސިފައިންގެ ތެރޭގައި އެއާފޯސް، ނޭވީ އަދި އާމީ އުފެއްދުމަކީ އެމަނިކުފާނުގެ ތަސައްވުރެއް ކަމަށްވެސް ވިދާޅުވެފަ އެވެ.