ބޭސްތައް ހަމައަށް ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ތާރީހުތައް ފަހަނައަޅާ ދިޔައިރު ވެސް ބޭހުގެ މައްސަލަ ހައްލުކޮށް ނުދެވުނު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްދު ވިދާޅުވީ ސަރުކާރަށް ތާއިދު ކުރާ ބަޔަކު ގަބޫލު ނުކުރިޔަސް ބޭސްފިހާރަތަކުން ހަމަޔަށް ބޭސް ނުލިބޭ ކަމަށާއި ރަށްފުށު ބޭސްފިހާރަތަކުގެ އިތުރަށް މާލެ ސަރަހައްދުގައި ވެސް ކަންކަން އޮތީ އެގޮތަށް ކަމަށެވެ.
"އަޅުގަނޑު މިއައީ އަމިއްލައަށް އެ ތަޖުރިބާކޮށްފައި. 10 ބޭސްފިހާރައަށް ވުރެ ގިނަ ބޭސްފިހާރައަށް ދެވިއްޖެ. ރައްޔިތުންގެ ޝަކުވާ ހިފައިގެން ސަރުކާރާ ހަމަޔަށް ދިޔަޔަސް މިކަމެއް ހައްލެއް ނުވޭ. އެޕްރީލް 15، މާޗް 15، މޭއި 15 މިއީ ސަރުކާރުން ބޭސް ހަމައަށް ލިބޭނެ ކަމަށް ބުނި ދުވަސްތަށް، ބޭހެއް ނުލިބޭ،" އައްދު ވިދާޅުވި އެވެ.
އައްދު ވިދާޅުވީ ބޭސް ފިހާރަތަކުން ބޭސް ހަމަނުވެގެން ކަންބޮޑުވެފައި ތިބި ކިތަންމެ ބަޔަކާއި ދިމާވި ކަމަށެވެ. މިއީ ހަރަދު ކޮށްގެންވެސް ކޮންމެހެން ހައްލުކުރަންޖެހޭ ސީރިއަސް މައްސަލައެއް ކަމަށާއި ރައްޔިތުންނާއި ގުޅުން ހުންނަ މިކަހަލަ ކަންކަން ދިމާވާއިރު ސަރުކާރުގައި ފައިސާއެއް ނުހުންނަ ކަމަށް އައްދު ވިދާޅުވި އެވެ.
"މިސައިލާއި ޑްރޯން ގަންނަން އޯކޭ، ވަރުވަރުން ޕާޓީ ޕްރޮމޯޓްކުރަން ސިޔާސީ ވަޒީފާދީ ބޮޑު މުސާރަ ދޭން ފައިސާ އެބަހުރޭ. ސަރުކާރުގެ ވެރިން ކުރަން ބޭނުން އެމީހުންނަށް ފައިދާހުރި ކަމެއް ކުރަން ފައިސާ ހުރޭ. ރައްޔިތުންނާއި ޖެހުނީމަ އިތިއޯޕިޔާއަށް ވުރެ މި ގައުމުގެ ހާލަތު ދަށް،" އައްދު ވިދާޅުވި އެވެ.
ދ. އަތޮޅަށް ކުރެއްވި ދަތުރެއްގެ ތެރެއިން އެ އަތޮޅު މީދޫގައި ހުންނަވާ ފެބްރުއަރީ 24، ގައި ރައީސް މުއިއްޒު ވިދާޅުވީ ބޭހުގެ ދަތިކަން މި ދުވަސްވަރު އުޅެނީ އެސްޓީއޯގެ ރޭޓަށް ބެހުގެ އަގުތައް ތިރިކުރުމުން ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށުމުން ކަމަށެވެ. އެ މައްސަލަ ހައްލުކުރަން ފިނޭންސް މިނިސްޓްރީގެ ހާއްސަ އެހީތެރިކަމާއެކު އެސްޓީއޯ އިން ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެގޮތުން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ހުރިހާ ބޭހެއް މާޗު މަހުގެ 15 އިން ފެށިގެން އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބެން ހުންނާނެ ކަމަށާއި އަދި އޭގެ އެއް މަސް ފަހުން ދެން ހުރި ހުރިހާ ބޭސްތަކެއް ވެސް ލިބެން ހުންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިގޮތަށް ވިދާޅުވި ނަމަވެސް އެސްޓީއޯގެ ބޭސްފިހާރަތަކުން ބޭސްނުލިބިގެން އާންމުން އަންނަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.