ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ މީގެ އެއް އަހަރު ކުރިން ހިތަދޫ މެދު ދާއިރާގެ ރައްޔިތުން ތަމްސީލުކުރާނެ މަޖިލިސް މެމްބަރަކަށް އޭނާ އިންތިހާބުކުރި ކަމަށާއި މަޖިލީހުގެ މެންބަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނާނީ ރައްޔިތުންގެ ފަޅީގައި ކަމާއި، ރައްޔިތުންގެ ދަތިތަކާއި ކަންބޮޑުވުންތަކާއި، އިޙުސާސްތަކުގެ ވާހަކަތައް ދައްކައި، ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލައިދޭނެ ކަމަށް ވައުދުވި ކަމަށެވެ.
"ފާއިތުވި ދުވަސްތަކެކޭ އެއްގޮތަށް، ކުރިއަށް ދުވަސްތަކުގައި ވެސް އިރާދަކުރެއްވިޔާ އަޅުގަނޑު މަސައްކަތް ކުރާނީ މިގޮތުގައި ދެމި ހުރުމަށް،" އަޒާން ވިދާޅުވި އެވެ.
އަޒާން ދާދިފަހުން ވަނީ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ އައްޑޫ ހަންކެޑެ މަޝްރޫއު ލަސްވާތީ މަޖިލީހުގެ އެސްއީއޯއީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފަ އެވެ. އަދި އައްޑޫގެ ކަރަންޓު މައްސަލައާ ގުޅިގެން ފެނަކައިގެ އިސްވެރިން އެ ކޮމިޓީއަށް ހާޒިރުކޮށްދޭން ވެސް އަޒާން މީގެކުރިން ހުށަހަޅާފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލަށް ތާއީދުކުރަން އަންގާފައި އޮއްވައި އެ ބިލަށް ވޯޓުނުދިން މައްސަލައިގައި ޕީއެންސީގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން އަޒާން ވަނީ ބޭރުކޮށްފަ އެވެ. އަދި މަޖިލީހުގެ މުހިންމު ދެ ކޮމިޓީއަކުން ވެސް އަޒާން ވަނީ ބޭރުކޮށްފަ އެވެ. އެއީ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241ކޮމިޓީ) އެވެ.
އަޒާން ވަނީ ކޮމިޓީތަކުން އޭނާ ވަކިކުރީ އެ ކޮމިޓީތަކުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިޔާނާތްތައް ބަލަމުންދާތީ، ނުފޫޒު ގަދަ ބައެއްގެ ބާރުން ކަމަށް ވިދާޅުވެފަ އެވެ.