Last Updated: April 24, 16:58
Thursday, April 24, 2025
ޚަބަރު

ކާފު ސްކޮލަޝިޕަށް ހުޅުވާލައިފި

ކ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ސްކޮލަޝިޕް ދޭން ނިންމާފައިވާތީ "ކާފު ސްކޮލަޝިޕް" އަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މި ސްކޮލަޝިޕަކީ ކައުންސިލްގެ މި އަހަރުގެ 4 ވަނަ ދައުރުގެ ތިންވަނަ އާންމު ބައްދަލުވުމުން ފާސްކޮށްގެން އަހަރަކު އެއް ފަހަރު އަތޮޅަށް ނިސްބަތްވާ ދަރިވަރުންނަށް އަމާޒުކޮށްގެން ދިނުމަށް ހަމަޖެހިފައިވާ ސްކޮލަޝިޕް ސްކީމެކެވެ. އެގޮތުން ސްކޮލަޝިޕްގެ ދަށުން ދަރިވަރުން ހޮވުމަށް ހަމަޖެހިފައި ވަނީ މާލެ އަތޮޅު ކައުންސިލުން މަތީ ތަޢުލީމުގެ ފުރުސަތު ދިނުމަށް ހުޅުވާލެވޭ "ކާފް ސްކޮލަޝިޕް" އުޞޫލު" ގެ ދަށުން ކަމަށް ކައުންސިލުން ބުންޏެވެ.

ސްކޮލަޝިޕް ސްކީމްގެ ދަށުން 7 ދާއިރާއަކުން ބެޗްލާސް ޑިގްރީ އަށް މެލޭޝިއާގައި ކިޔަވަން ކޮންމެ ދާއިދާރަކުން ދެ ފުރުސަރަށް ވަނީ ހުޅުވާލައިފި އެވެ.

ސްކޮލަޝިޕް ދޭ ދާއިރާތަކަކީ:

* އާކިޓެކްޗާ
* މެޑިސިން
* ސައިކޮލޮޖީ
* އައިޓީ
* މަލްޓި މީޑިއާ
* ސިވިލް އިންޖިނިއަރިން
* އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން

މި ދާއިރާތަކުން ދޭ ސްކޮލަޝިޕްތަކަށް ދަރިވަރުން ކިޔަވާނީ މެލޭޝިއާގެ ޔޫސީއެމްއައި ޔުނިވަސިޓީ އާއި މަލްޓި މީޑިއާ ޔުނިވަސިޓީންނެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މާލެ އަތޮޅުގެ ރަށަކަށް ރަށްވެހިވެފައިވާތާ ފަސް އަހަރު ވެފައިވުމާއި ފަރާތަކަށްވުން 17-35 އަހަރާއި ދެމެދުގެ މީހަކަށްވުމުގެ އިތުރަށް ކުރިމަތިލާ ކޯހާ އެއް ފެންވަރެއްގެ ނުވަތަ އެއަށް ވުރެ މަތީ ފެންވަރެއްގެ ކޯހެއް ކުރިން ފުރިހަމަކޮށްފައިވާ ނުވަތަ ފުރިހަމަ ކުރަމުން ނުދާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި ކުރިމަތިލާ ސަރުކާރުގެ ނުވަތަ އަމިއްލަ ފަރާތަކުން ދޭ ސްކޮލަޝިޕެއް ލިބިފައި ނުވާ މީހުންނަށް ވެސް ވާން ޖެހެ އެވެ.

ކ. އަތޮޅު ކައުންސިލުން ބުނީ ސްކޮލަޝިޕަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ކެންޑިޑޭޓުން ނޮމިނޭޓްކޮށް އުސޫލުގައިވާ ގޮތަށް އިވެލުއޭޓް ކުރާނެ ކަމަށެވެ. އަދި ފައިނަލް ސިލެކްޝަން ހެދުމަށް ހަމަޖެހިފައި ވަނީ ހެދޭ އިވެލުއޭޝަނަށް ބިނާކޮށް ކައުންސިލުން ކަނޑައަޅާފައިވާ އިވެލުއޭޝަން ކޮމެޓީއަކުން ކަމަށް ބުންޏެވެ.

ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 22 އާ ހަމައަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 6644234 އިން ހޯދޭނެ އެވެ.