ކުޅިވަރުގެ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށް ސްޕޯޓްސް މިނިސްޓަރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އޭނަ ވިދާޅުވީ ކުރިއަށް އޮތް ނުވަ ވަރަކަށް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ގޭމްސްއެއް ރާއްޖޭގައި ބޭއްވުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. އެގޮތުން ސާފް ގޭމްސް، އޭޝިއަން ގޭމްސް ނުވަތަ ކޮމަންވެލްތު ގޭމްސްއެއް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ރާފިއު ވިދާޅުވީ ސަރުކާރުން މި ވަގުތު ކުރަމުން އަންނަ މަސައްކަތަކީ އެފަދަ ގޭމްސްއެެއް ބޭއްވުމަށް ބޭނުންވާ ފަސީލަތްތައް ޤާއިމްކުރުން ކަމަށެވެ. އެގޮތުން ގޭމްސްގެ އެކި ކުޅިވަރުތައް ކުޅޭނެ ޒަމާނީ ތަންތަން ގާއިމު ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިކަން ކާމިޔާބުކުރުމަށް ރާއްޖޭގައި ބާއްވާ އެކިއެކި މުބާރާތްތަކުން ހޮވާލެވޭ އެތުލީޓުންނަށް އެކަށީގެންވާ ތަމްރީން ދިނުމާއި، ރަނގަޅު ފެންވަރުގެ ކޯޗުން ރާއްޖެ ގެނެސް އެ ކުޅުންތެރިން ތަމްރީން ކުރުމާއި ކޯޗުން ތަމްރީން ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ.