މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މަގުމަތީގެ އެކްސިޑެންޓްތައް އަތޮޅު ތެރޭގައި އެންމެ ގިނައީ އައްޑޫގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފާއިތުވި ތިން މަހު ރާއްޖޭގެ އަތޮޅުތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީން 1، އިން މާޗް 31 އާ ހަމައަށް އައްޑޫން ޖުމްލަ 81 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެ އެވެ. އެގޮތުން ޖެނުއަރީގައި 25، ފެބްރުއަރީގައި 31 އަދި މާޗްގައި 25 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެ އެވެ.
އައްޑޫގައި ފެބްރުއަރީ މަހު ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރު ވެސް ވެފައިވެ އެވެ. އެއީ އެ މަހުގެ 26 ވަނަ ދުވަހު ހަންކެޑެ ބްރިޖްގައި ހިނގި ސައިކަލް އެކްސިޑެންޓެއްގަ އެވެ. އެ އެކްސިޑެންޓްގައި މަރުވީ މާލެ އަށް ނިސްބަތްވާ 30 އަހަރުގެ ޒުވާނެކެވެ.
މި މަހުގެ 12 ވަނަ ދުވަހު އައްޑޫ ފޭދޫގައި ކާރަކާއި ސައިކަލެއް އެކްސިޑެންޓްވެ ވެސް މީހަކު މަރުވެފައިވެ އެވެ. އެ ހާދިސާގައި މަރުވީ ފޭދު އަށް ނިސްބަތްވާ 36 އަހަރުގެ މީހެކެވެ.
އައްޑު އަކީ މިހާތަނަށް ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގާފައިވާ ތަނެކެވެ. އަދި އެކްސިޑެންޓްތަކުގައި މިހާތަނަށް އެތައް ބަޔަކު މަރުވެފައިވެ އެވެ.
އައްޑޫގައި އެކްސިޑެންޓްތައް ބޮޑަށް އިތުރުވާން ފެށީ ތާރު އަޅައިގެން ހެދި ލިންކް ރޯޑް 2003 ގައި ބޭނުން ކުރަން ފެށި ފަހުންނެވެ. އައްޑޫގައި މިހާތަނަށް ހިނގާފައިވާ ގިނަ އެކްސިޑެންޓްތައް ހިނނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުންނެވެ.
އައްޑު އަކީ މާލެ ސަރަހައްދު ފިޔަވައި އެއްގަމު ވެހިކަލް އެންމެ ގިނަ ސިޓީ އެވެ.