Last Updated: April 24, 11:19
Thursday, April 24, 2025
މުނިފޫހިފިލުވުން

ސައިފް ގަތަރުން ގެއެއް ގަނެފި

ބޮލީވުޑްގެ ތަރި، ސައިފް އަލީ ޚާން ގަތަރުން ގެއެއް ގަނެފި އެވެ.

އެކަން އޭނަ ކަށަވަރުކޮށް ދީފައި ވަނީ ގަތަރުގެ ރިއަލް އެސްޓޭޓް ކުންފުންޏެއް ކަމަށްވާ އަލްފަރްދާން ގްރޫޕުން އިއްޔެ ދޯހާގައި ބޭއްވި އިވެންޓެއްގަ އެވެ. ސައިފް ގަތަރު ލަގްޒަރީ ގެއެއް ގަތީ އެ ގައުމުގެ "ޕާލް އައިލޭންޑް" އިންނެވެ. ނަމަވެސް ގެ ގަތް އަގު ހިއްސާކޮށްފައެއް ނުވެ އެވެ.

މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ ފިރިމީހާ ބުނީ ގަތަރުން ގެއެއް ގަތް އެންމެ ބޮޑު ސަބަބަކީ އެެ ގައުމު ވަރަށް ރައްކާތެރި އަމާން ގައުމަކަށްވެފައި، އަމިއްލަ ގޭގައި އުޅެވޭ ކަހަލަ އިހުސާސްތަކެއް ކުރެވުން ކަމަށެވެ.

"އެކި ފަހަރު މަތިން އަހަރެން ޗުއްޓީތަކަށާއި ބައެއް ފިލްމުތަކުގެ ޝޫޓިންތަކަށް ގަތަރަށް ޒިޔާރަތްކޮށްފިން. މި ގައުމު އަހަންނަށް ވަރަށް ރައްކާތެރި،" ސައިފް ބުންޏެވެ. "އަނެއްކާ ގަތަރުގައި އުޅޭ އިރު ބޭރު ގައުމެއްގައި އުޅޭކަމުގެ އިހުސާސެއް ވެސް ނުކުރެވޭ. އެހެންވެ އަސްލު ގަތަރުން ގެެއެއް ގަންނަން ބޭނުންވީ."

އޭނަ ބުނި ގޮތުގައި އެ ގައުމުން ގެ ވާނީ އެ މީހުންގެ އާއިލާ ހިތްހަމަޖައްސާލަން އަންނަ ވަރަށް ހިތްގައިމު ތަނަކަށެވެ.

އަންނަ ހުކުރު ދުވަހު ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ފިލްމު "ޖުވެލް ތީފް" ގެ ބަތަލުގެ އަމިއްލަ ގެތަކެއް ސްވިޓްޒަލޭންޑާއި އިނގިރޭސިވިލާތުގައި ވެސް ހުރެ އެވެ. ދެ ކައިވެންޏަކަށް ހަތަރު ދަރިން ތިބި ސައިފަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނަގެ ކުދިންގެ ތެރެއިން ދޮށީ ދެ ކުދިން ކަމަށްވާ ސާރާ އަލީ ޚާނާއި އިބްރާހީމް އަލީ ޚާނަކީ ވެސް ފިލްމީ ތަރިންނެވެ.

ބޮލީވުޑްގެ ވަރަށް ގިނަ ތަރިންގެ ގެތައް ބޭރުގެ ގައުމުތަކުގައި ހުރެ އެވެ.