Last Updated: April 24, 09:48
Thursday, April 24, 2025
ޚަބަރު

ޝައްމާންގެ އިސްތިއުނާފު އަޑުއެހުން މިއަދު ކެންސަލް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.

އޭގެ ދެވަނަ އަޑުއެހުން ހައި ކޯޓުގައި ބާއްވަން ތާވަލުކޮށްފައި އޮތީ މެންދުރު ފަހު 1:00 ގަ އެވެ. ބާއްވަން ތާވަލުކުރީ އިއްޔެ އަޑުއެހުން ކެންސަލްކުރީ އެ ގަޑީގައި މައްސަލަ ބަލާ ފަނޑިޔާރަކު ބައިވެރިވެވަޑައިގަންނަވާ އެހެން އަޑުއެހުމެއް ހަމަ އެ ގަޑިއަށް ތާވަލުކުރެވިފައި އޮތުމުންނެވެ.

އިއްޔެ ކުރިއަށްދިޔަ ޝަމްއާންގެ އިސްތިއުނާފް ފުރަތަމަ އަޑުއެހުމުގައި އޭނަގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ހިންގާ ކުށްތަކާއި މަނީ ލޯންޑަރިންގެ ކުށުގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ބަންދުކޮށްގެން ގެންގުޅުމަކީ ދައުލަތުން މީގެ ކުރިން އަމަލު ކުރަމުން އައި އާންމު އުސޫލު ނޫންކަން ފާހަގަ ކުރައްވައި ޝައްމާންއާ މެދު ތަފާތު ގޮތަކަށް އަމަލު ކުރާކަން ފާހަގަ ކުރައްވައިފަ އެވެ.

އަދި ޝައްމާން ހައްޔަރުކޮށްފައި ވަނީ މުޖުތަމައުގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 21 ގައި މަގާމުން ވަކިކޮށް، ޝައްމާން ހައްޔަރުކުރީ މާޗް 22،ގަ އެވެ. އޭނަގެ މައްޗަށް ކުރަނީ ބިދޭސީއަކު ހައްޔަރު ކުރުމަށް ފަހު އޭނަގެ އަތުން ފައިސާ އަތުލިކަމުގެ ތުހުމަތެކެވެ.