Last Updated: April 24, 17:49
Thursday, April 24, 2025
މުނިފޫހިފިލުވުން

ކާތިކްގެ 'ނާގްޒިއްލާ' ގެ މޯޝަން ޕޯސްޓަރެއް

ކާތިކް އާރިއަނ ހަރުފައެއްގެ ރޯލުން ފެންނާނެ ފިލްމު "ނާގްޒިއްލާ" ގެ މޯޝަން ޕޯސްޓަރު މިއަދު ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމީ އަންނަ އަހަރުގެ އޮގަސްޓް 14 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ނާގްޒިއްލާ" ގައި ކާތިކް ކުޅޭނީ ޑަބަލް ރޯލެކެވެ.

ގޯތަމް މެހެރާގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމުގެ ޑައިރެކްޓަރަކީ "ފުކްރޭ" ފްރެންޗައިޒްގެ ޑައިރެކްޓަރު މިރްގަދީޕް ސިންގް ލާމްބާ އެވެ.

"ނާގްޒިއްލާ' ގެނެސްދޭ ތާރީހު އިއުލާންކުރި އިރު، ކާތިކްގެ އަތުގައި ދަރުމާގެ އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއީ އަންނަ އަހަރުގެ ފެބްރުއަރީ 13 އަށް ތާވަލުކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ ތޫ މޭރީ" އެވެ. އޭގެ ޑައިރެކްޓަރަކީ ކާތިކްގެ 2023 ގެ "ސަތިއަޕްރޭމް ކީ ކަތާ" ވެސް ގެނެސްދިން ސަމީރު ވިދްވަންސް އެވެ.

މިދިޔަ އަހަރު "ޗަންދޫ ޗެމްޕިއަން" އާއި "ބޫލް ބުލައްޔާ 3" އިން ފެނިގެން ދިޔަ ކާތިކްގެ ކުރިއަށް އޮތީ މި އަހަރުގެ ނޮވެމްބަރު ގައި ގެނެސްދޭން ހަމަޖެހިފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އަނޫރާގް ބާސޫ އެވެ. ފިލްމުގެ ބަތަލާ އަކީ ސްރީލީލާ އެވެ.