ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އައްޑޫ ހިމެނޭ ގޮތަށް 57 ރަށެއްގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބިލަންތައް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ.
މި ބީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ އިން ފެށިގެން އަންނަ މަހުގެ 8 އާ ހަމައަށެވެ. ރަޖިސްޓްރޭޝަނަށް 1،500ރ. ދައްކަން ޖެހެ އެވެ.
އައްޑޫގައި ހައުސިން ޔުނިޓް އަޅާ އަދަދު:
* ހިތަދޫ: 500 ހައުސިން ޔުނިޓް
* ފޭދޫ: 200 ހައުސިންގ ޔުނިޓް
* މީދޫ: 100 ހައުސިން ޔުނިޓް
* ހުޅުދޫ: 100 ހައުސިން ޔުނިޓް
* މަރަދޫ: 100 ހައުސިން ޔުނިޓް
* މަރަދޫފޭދޫ: 100 ހައުސިން ޔުނިޓް
ފިނޭންސް މިނިސްޓްރީން ބުނީ މި ރަށްތަކުގެ މަޝްރޫއުތަކަށް ބީލަން ހުށަހަޅާނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ލިބޭނެ އެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގެ 57 ރަށެއްގައި ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ނިންމައިފަ އެވެ. އެގޮތުން ރާއްޖޭގެ އުތުރުގައި 20،000 އަދި ދެކުނުގައި 20،000 ހައުސިން ޔުނިޓް އަޅަން ހަމަޖެހިފައިވެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މި އަހަރަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުުތަކަށް ހާއްސަ އަހަރެކެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ގިނަ މަޝްރޫއުތަކެއް ފެށޭނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކުގެ ދަށުން މީގެ ކުރިން ވެސް އައްޑޫގައި ފްލެޓްތަކާއި ހައުސިން ޔުނިޓްތަކެއް އަޅާފައިވެ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޭދޫގައި ހައުސިން ޔުނިޓްތަކެއް އަޅާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިތަދު އާއި ހުޅުމީދޫގައި ފްލެޓް އަޅާފައިވެ އެވެ.
އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފޭދޫގައި 75 ފްލެޓް އަޅަން ފެށި މަޝްރޫއު ދަނީ ކުރިއަށެވެ.