Last Updated: April 25, 06:23
Friday, April 25, 2025
މުނިފޫހިފިލުވުން

އިމްރާން އެނބުރި އަންނަ ފިލްމުގެ ނަމަކީ މިއީ

ބޮލީވުޑްގެ ކުރީގެ އެކްޓަރު އިމްރާން ޚާން އަލުން އެކްޓިން އަށް އެނބުރި އަންނަ ފިލްމުގެ ނަމަކީ "އަދޫރޭ ހަމް، އަދޫރޭ ތުމް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުފެއާ އިން ބުނީ ނެޓްފްލިކްސްއާ ގުޅިގެން ހަދާ މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން މިހާރު ކުރިއަށްދާ ކަމަށާއި ފިލްމު ލިޔެ، ޑައިރެކްޓް ކުރަނީ އިމްރާނާއި ދީޕިކާ ޕަދްކޯންގެ 2010 ގެ "ބްރޭކޭ ބާދު" ގެނެސްދިން ދާނިޝް އަސްލަމް ކަމަށެވެ.

އިމްރާން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވާ "އަދޫރޭ ހަމް، އަދޫރޭ ތުމް" ގެ ބަތަލާ އަކީ ބޫމީ ޕިޑްނޭކަރެވެ. އަދި މީގެ ކާސްޓްގައި ގުރްފަތޭ ޕިރްޒާދާ ވެސް ހިމެނެ އެވެ.

އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާން އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ކަންގަނާ ރަނާވަތު ބަތަލާގެ ރޯލު ކުޅުނު ޑައިރެކްޓަރު ނިކިލް އަދުވާނީގެ 2015 ގެ "ކައްޓީ ބައްޓީ" އެވެ. އޭނަ ބޮލީވުޑަށް ނުކުތީ އާމިރު ޕްރޮޑިއުސްކުރި 2008 ގެ "ޖާނޭ ތޫ…ޔާ ޖާނޭ ނާ" އިންނެވެ.

އިމްރާން ކުޅުނު ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ދިއްލީ ބެލީ"، "އައި ހޭޓް ލަވް ސްޓޯރީސް"، "މޭރޭ ބްރަދާ ކީ ދުލްހަން" އަދި "އޭކް މޭ އޯރް އޭކް ތޫ" ހިމެނެ އެވެ.