ކޮންމެ މުޖުތަމަޢެއްގައި ވެސް ކޮންމެ ދުވަހަކުވެސް އެތައް ކަމެއް ހިނގާނެއެވެ. އެކަމަކު ހިނގާ ކޮންމެ ކަމަކީ ޚަބަރަކަށް ނުވާނެއެވެ. ސަރުކާރުގެ ބަންދު ނޫން ކޮންމެ ދުވަހަކު ސިވިލް ސާވަންޓުން ހެނދުނު އަށެއް ޖަހަން ވާއިރަށް އޮފީހަށް ދެއެވެ. އެއީ ޚަބަރެއް ނޫނެވެ. އެކަމަކު ހުރިހައި މުވައްޒަފުން އެއް ދުވަހަކު ހުސް ފަޔާ އޮފީހަށް ހިނގައްޖެ ނަމަ ޚަބަރަކަށް ވާނެއެވެ.
ހަމަ މިގޮތަށް އައްޑޫ ސިޓީގެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތައް ވެސް މިވަނީ ވެގެން ގޮސްފައެވެ. އައްޑޫގައި އެކްސިޑެންޓެއް ވުމަކީ އެއްބަޔަކު ބުނާ ގޮތުގައި ޚަބަރެއް ނޫނެވެ. އެއީ އަބަދުވެސް ހިނގާ ކަމެކެވެ. ނޫސްތަކާއި ހަމައަށް ނުވަތަ ފުލުހުންނާއި ހަމައަށް ރިޕޯޓް ނުކުރާ އެތައް އެކްސިޑެންޓެއް އައްޑޫގައި ކޮންމެ ދުވަހަކު ހެން ހިނގަމުން ދެއެވެ.
" ބްރޭކިން ނިއުސް އެއް ނޫން އެއީ. އެކްސިޑެންޓެއް އަހަރުމެންގެ ނަޒަރުގައި ޚަބަރަކަށް ވަނީ ފުރާނައަށް ގެއްލުން ލިބޭފަދަ. ސީރިއަސް އަނިޔާތަކެއް މީހަކަށް ވީމަ. ދެ ސައިކަލު ޖެހި އަތުގެ ހަންކޮޅެއް ދިއުމަކީ އެކްސިޑެންޓެއް ނޫން"، ހިތަދޫގައި ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.
މި ހިނގާ ސެޕްޓެމްބަރ މަހުގެ ތެރޭގައި އައްޑޫގެ މަގުތަކުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެފައިވާއިރު އެހެން އެކްސިޑެންޓްތަކުގައި ޒަޚަމްވި އެތައް ބަޔަކަށް ވަނީ ޖިސްމާނީ ގޮުތުންނާއި ނަފްސާނީ ގޮތުން ވެސް ބޮޑެތި އަނިޔާތަކެއް ލިބިގެން ގޮސްފައެވެ.
ދައުލަތުގެ މުއައްސަސާތަކުން ކެނޑިނޭޅި އައްޑޫގައި އެކްސިޑެންޓް ހުއްޓުވުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށް ބުނާއިރު އޭގެ އަމަލީ މަސައްކަތްތައް ނުފެނުމަކީ، އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
"އަޅުގަނޑުމެން ބާރަށް ދުއްވާ ބައެއް ޒުވާނުންނަށް ޕާސަނަލީ ހަމަ މަޑުކުރުވައިގެން ނަސޭހަތް އެބަދެން. ބާރަށް ނުދުއްވާށޭ. އެކަމުގެ ސަބަބުން ނުރައްކަލުގެ ތެރެއަށް ހުށަހެޅެނީ ތިމާ އެކަނި ނޫން ކަން ވެސް ކިޔާދެން. ބައެއް ޒުވާން ޤަބޫލުކުރޭ އެކަން" ހިތަދޫ ޕޮލިހުގައި މަސައްކަތް ކުރާ ފުލުހަކު ބުންޏެވެ.
އެކްސިޑެންޓް ހިނގުމަށް މެދުވެރިވަނީ ކީއްވެގެން ތޯއެވެ؟ މި ސުވާލުގެ ޖަވާބު ނޭނގޭ އެކަކުވެސް އައްޑޫގައި ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. ޖަވާބަކީ ބާރު ސްޕީޑްގައި ދުއްވުމެވެ.
"އެކްސިޑެންޓް ހިނގީމަ ފޮޓޯ ނަގާފަ ފޭސްބުކަށް ލަނީ. ދެން ކޮމެންޓް ކުރަނީ. އެކަކުވެސް ވިސްނައެއް ނުލައޭ ކީއްވެހޭ މިހެން މިކަން ވަނީ. ފޭސްބުކްގައި ލިޔާނެ ބާރަށް ނުދުއްވާށޭ. އެކަމަކު ހަމަ އެމީހާ ދާނެ ރޮކެޓެއް ހެން "، ހިތަދޫ ޒުވާނަކު ބުންޏެވެ.
އެއީ ތެދުވާހަކަ އެކެވެ. އެކްސިޑެންޓްތަކާއި ގުޅިގެން ގެނެސްދީފައި ހުންނަ ޚަބަރުތަކަށް ވެސް ގިނަ ބަޔަކު ކޮމެންޓް ކުރަމުން ދަނީ ބާރު ސްޕީޑްގައި ދުއްވުމަކީ ގޯސްކަމެއް ކަމަށް ބުނެއެވެ. އެހެން ނަމަވެސް ގިނަ ފަހަރަށް އެހެން ބުނާ މީހާވެސް މިދަނީ އެއްވެސް ބެލުމެއް ނެތި ބާރު ސްޕީޑުގައެވެ.
ޤާނޫނު ތަކާއި ޤަވާއިދުތަކާއި އެއްގޮތަށް އެންމެ ފަހަރަކު ނަމަވެސް މަގުމަތީގައި ދުއްވާލުން ކީއްތޯއެވެ؟ މަގުގެ ދެފަރާތުގައި ތިބޭ މީހުންނަށް ތިމާގެ މޮޅުކަން ދައްކާލުމަށް ބާރު ސްޕީޑްގައި ދުއްވުމަށް ވުރެ، ތިމާގެ އާއިލާ އަދި ތިމާގެ ރައްޓެހިންނަށް ތިމާ އަކީ ޤަވާއިދުތަކާއި އެއްގޮތަށް ދުއްވާ މީހެއް ކަން އަންގާލުމަކީ މޮޅުކަމެކެވެ. އަދި އެކަން އެގޮތަށް ކުރުމަށް އެހެން މީހުންނަށް ބާރު އެޅުމަކީ އެއަށް ވުރެ މާ މޮޅު ކަމެކެވެ.
އެކްސިޑެންޓްތަކުގައި ގެއްލިގެންދަނީ ހަމަ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ވެސް އެކެއްގެ ބޭބެ އެއް ނުވަތަ ކޮއްކޮއެއްގެ ފުރާނައެވެ. ދައްތައެއް ނުވަތަ މަންމައެއްގެ ފުރާނައެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ބަލަންވާ ވަރަށް ނުބަލައި ވެހިކަލްތައް ދުއްވުމުގެ ސަބަބުން ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތަކުގައެވެ.
ބައެއް މީހުންނަށް ޚަބަރަކަށް ނުވި ނަމަވެސް އެކްސިޑެންޓްތަކުގައި އަނިޔާ ލިބޭ މީހުންގެ އާއިލާތަކަށް އެއީ ލިބޭ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. އެކްސިޑެންޓްތަކުގައި ނިޔާވެފައިވާ ބައެއް ފަރާތްތަކުގެ އާއިލާތަކުގެ މީހުން ބުނާގޮތުގައި އެމީހުން ދުއްވާ އެއްޗިއްސަށް އަރަން ވެސް މީހާރު ބިރު ގަނެއެވެ.
" އަޅުގަނޑުގެ ބޭބެ ނިޔާވީ މިދިޔަ އަހަރު ހިނގި އެކްސިޑެންޓެއްގައި. އެފަހުން އަދި ވެހިކަލަކަށް ނާރަން. ބިރު ގަނޭ. ހިތަށް އަރާ ކީއްވެބާއޭ އެހާ ބާރަށް ފުރާނަ ރިސްކުގެ ތެރެއަށް ދޫކޮށްގެން އެދުއްވަނީ"، 'އައްޑޫލައިވް' އާއި ވާހަކަ ދެއްކި މީހަކު ބުންޏެވެ.
'އައްޑޫލައިވް' އާއި ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އައްޑޫގެ ބޮޑެތި މަގުތަކަށް ނިކުންނަ ކޮންމެ ފަހަރަކީ،"ހަނގުރާމައިގެ މައިދާނަކަށް" ނިކުމެވުމުން ކުރެވޭ ފަދަ ބިރުވެރި އިހްސާސްތަކެއް ކުރެވޭ ފަހަރެއް ކަމަށެވެ.
"ބިރުން ހުންނަނީ. ކުއްލިޔަކަށް އިވޭނޭ އަޑެއް. މިސައިލެއް ހެން އުދުހިފައި އެދަނީ. މިކަން ހުއްޓުވަން އުޅޭ ބަޔަކު ނެތް."
ކޮންމެ ދުވަހަކު ހިނގާ ކަމަކަށް ވުމުން އައްޑޫގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތަކަކީ އެއްބައެއްގެ ނަޒަރުގައި ޚަބަރަކަށް ނުވެދާނެއެވެ. ނުވަތަ އެއީ ސަމާލުކަން ދޭން ނުޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަނެވި ދާނެއެވެ. އެހެން ނަމަވެސް އައްޑޫގެ މަގުތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ސަބަބުން އަނިޔާވަމުން ދަނީ ހަމައެކަނި ބާރު ސްޕީޑުގައި ދުއްވާ ފަރާތްތަކަކަށް ނޫނެވެ.
ލިންކް ރޯޑްގައި ހިނގާފައިވާ ހިތާމަވެރި ހާދިސާތަކުގައި، މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ މީހުންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބި އަޅުގަނޑުމެންނާއި ވަކިވާން ޖެހިފައިވެެއެވެ. އެހެން ކަމުން އެކްސިޑެންޓްތަކަކީ ޚަބަރެއް ނޫނޭ ބުނެ އެކަމާއި އަޅާނުލައި ދޫކޮށްލުމަށް ވުރެ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާ މާ ބޮޑެވެ.
މާދަމާ ތިމާގެ ގާތް ތިމާގެ މީހަކު ނުވަތަ އެކުވެރިޔަކު އެކްސިޑެންޓެއްވެ އެކަން ތިމާގެ އަރުތެރޭގައި ހިތި ރަހައެއް ލައްވާނެ "ހަބަރަކަށް" ވުމުގެ ކުރިން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އެއްކޮށް ދުއްވުމަށް އެންމެންނަށް ވެސް ބާރު އަޅަންވީއެެވެ. އެންމެ ފުރަތަމަ ތިމާގެ ގޭތެރެެއިންނެވެ.