ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކޮށް މަޝްވަރާކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.
މި ބައްދަލުވުމުގައި ވަޒީރުންގެ އިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫޢޫތަކުގެ އެންމެފަހުގެ މަޢުލޫމާތުވެސް ޙިއްސާކުރައްވައި މަޝްވަރާކުރައްވާފައިވެ އެވެ.
މިގޮތުން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޑެޓް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އަދި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަނީ އެ ކުންފުނިތަކުން ހިންގާ މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޝްރޫޢުތައް ނިންމަން ކަނޑައަޅާފައިވާ ތަރީޚްތަކަށް މަޝްރޫޢުތައް ނިންމުމަށް ބާރުއަޅައި އެކަންކަން ފުރިހަމަ ކުރަން ބޭނުންވާ ކަންކަން އޮޅުންފިލުއްވާފަ އެވެ.
އަދި ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީ އިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރައްވައި، މަޝްރޫޢުތަކުގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެ އެވެ.
މީގެ އިތުރުން ވީހާވެސް ގިނައިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްވެސް ރައީސް ވަނީ ބާރުއަޅުއްވާފަ އެވެ.