ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.
މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތުމުން އިއްޔެ އާއި މިއަދު ޖަލްސާތައް ބާއްވާފައެއް ނުވެ އެވެ.
މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންކަމުގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހޯމް މިނިސްޓަރު އަލީ އިހުސާންއާ ކުރައްވާ ދެ ސުވާލެއް ހިމެނެ އެވެ.
އެއޫ ސައްހަ ނޫން ފޯމުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމަށް ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ މީހުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ އާއި އަދަދު ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒު މޫސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޯނުން ގުޅުއްވައި އިންޒާރު ދެއްވައި ބިރު ދެއްކެވި މައްސަލަ ފުލުހަށް ހުށަހެޅުމުން އޭނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ރައްކާތެރިކަން ދީފައިވޭތޯ ސާފުކުރުމާ ގުޅޭ ސުވާލެވެ.
މީގެއިތުރުން ބްރޯޑްކޮމް އަށް މެމްބަރަކު އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ އާއި ސިވިލް ސާވިސް ކޮމިޝަނުގެ ނައިބު ރައީސް އައްޔަންކުރެއްވުމަށް ރައީސް ފޮނުއްވާފައިވާ މައްސަލަ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުވުމުން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
އަދި ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށަހަޅުއްވާފައިވާ ބޯހިޔާވަހިކަމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުން ވެސް ހިމެނެ އެވެ.