Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

ޕޭޕަލް ތައާރަފް ކުރުމުގައި ކުރިއެރުންތަކެއް އެބަ ލިބޭ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ސިސްޓަ، ޕޭޕަލް، ރާއްޖެ އަށް ގެނައުމުގައި ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަހަރުގެ ޖެނުއަރީ މަހު ވަނީ ޕޭޕާލް ޕޭ، އެމޭޒްން ޕޭ އަދި ގޫގްލް ޕޭ ރާއްޖެއަށް ތައާރަފްކުރުމަށް ސަރުކާރުން އެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.

"ދެނޯ" ގެ ނަމުގައި ފެށި ޕޮޑްކާސްޓެއްގައި ޕޭޕަލް ގެނައުމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވަނީ އެކަމުގައި ރަނގަޅު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

"ވަރަށް އުއްމީދު ބޮޑު،" ޕޭޕަލް ރާއްޖެ ގެނައުމާ ގުޅޭގޮތުން ކުރި ސުވާލާއި ގުޅިގެން ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ޕޭޕަލްގެ މެނޭޖްމަންޓާ ވެސް ސީދާ ބައްދަލުކޮށް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި ނަމަވެސް މިކަން ލަސްވަމުން ދަނީ އިދާރީ ގޮތުން ވެސް ކުރަން ޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރުމުގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ.

ޕޭޕަލް ރާއްޖެ އަށް ގެންނަން ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިފައިވާ އިރު، އެކަން ކާމިޔާބު ކުރެވޭނެ ކަމަށާއި ނަމަވެސް ވަގުތު ނަގާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ މިއީ ވަރަށް ގިނަ ބަޔަކު އެދޭ ކަމެއް ކަމަށާއި މިކަން ކުރަން ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ޕޭޕަލް ގެންނަން މި ސަރުކާރުން ނޫނީ މިހާ ބޮޑަށް މަސައްކަތްކޮށް، އެ ވާހަކަ އެހާ ގިނައިން ދެއްކި ސަރުކާރެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.