Last Updated: April 23, 01:22
Tuesday, April 22, 2025
ޚަބަރު

މި ދައުރު ތެރޭގައި ޑޮލަރު މައްސަލަ ހައްލުވާނެ: ރައީސް

މި ދައުރު ތެރޭގައި ޑޮލަރުގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ދެނޯ" ގެ ނަމުގައި ފެށި ޕޮޑްކާސްޓެއްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މި ދައުރުގެ ތެރޭގައި ޑޮލަރު މައްސަލަ ހައްލުވާނެ ކަމަށާއި އެކަން ކުރެވޭނީ ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅައިގެން ކަމަށްވާއިރު ސަރުކާރުގެ މިސްރާބު މިކަމުގައި ހުރީ ރަނގަޅަށް ކަމަށެވެ.

އެގޮތުން ޑޮލަރު މާރުކުރުމުގެ މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމަށާއި މިކަމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ވެސް ލިބެމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު އަޅަމުންދާ ފިޔަވަޅުތައް ރަނގަޅަށް ތަންފީޒު ކުރެވެމުން ފެށުމުން ސަރުކާރުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ޑޮލަރުގެ މައްސަލައަށް ހައްލުތަކެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ 2027 ނިމެންވާއިރަށް ޑޮލަރު ރޭޓް ހުންނާނީ ބޭންކު ރޭޓުގައި ކަމަށް،" ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސް ދާދިފަހުން ވިދާޅުވެފަ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މާ ބޮޑަށް ދަށަށް ދާ މަންޒަރު ނުފެނުނަސް މިހާރު އެހާ ގިނަ އަދަދަކުން ބޭންކްތަކަށް ޑޮލަރު ވަންނަމުންދިއުމަކީ އޭގެ ނަތީޖާ އަވަހަށް ފެންނާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސަރުކާރު ހިއްސާ ވާ ކުންފުނިތަކުން ޑޮލަރު ހޯދުމަށް ކަޅު ބާޒާރަށް ވަނުން ހުއްޓާލާނެ ކަމަށާއި އެހާ ހިސާބުން ކަޅު ބާޒާރަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަަމަށް ސައީދު ވިދާޅުވި އެވެ.

"އެމްއެމްއޭގެ އާ ގަވައިދުގެ ދަށުން ޑޮލަރުގެ އަގު އިތުރަށް ދަށްވެ، ކަޅު ފައިސާގެ ބާޒާރު ކުރިއަށް އޮތް ތަނުގައި ހީނަރުވެގެން ދާނެ ކަމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް ފެންނާތީ އެކަން އެގޮތަށް ލަފާ ކުރެވޭ ކަމުގައި އެ އޮތީ އެމްއެމްއޭއިން ވެސް ވިދާޅުވެފައި އަވަސް ފުރުސަތެއްގައި،" ސައީދު ވިދާޅުވި އެވެ.