Last Updated: April 23, 11:42
Wednesday, April 23, 2025
ޚަބަރު

މިއަހަރު 2،000 ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާނެ

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް - ފޮޓޯ: ޕީއެންސީ

މިއަހަރު 2،000 އަށް ވުރެ ގިނަ ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް ބޭނުންވެފައި ހުރި އެތައް ކަމެއް ހައްލުކޮށްދެެއްވަން ވައުދުވެވަޑައިގެންނެވީ އެކަންކަން ކޮށްދެވޭނެތީ ކަމަށާއި ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކުރީ ސަރުކާރުން ފެށި ޕްރޮޖެކްޓުތަކާއި މި ސަރުކާރުން ފަށާފައިވާ އަދި ފަށަން ނިންމާފައިވާ ޕްރޮޖެކްޓުތައް ބާރުކުރާނެ ގޮތާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރެވުނު ކަމަށެވެ.

ރައީސް މުއިއްޒަކީ ވައުދު ވެވަޑައިގެންފައި އެ ވައުދުފުޅުތައް ފޮރުވާފައި ބަހައްޓަވާ ބޭފުޅެއް ނޫން ކަމަށާއި މިއަދުވެސް ފެނިގެންދިޔައީ ޕްރޮޖެކްޓުތައް ބާރަށް ކުރިއަށް ގެންދާނެ ގޮތުގެ ތަރުތީބުތައް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މި އަހަރަކީ މި ސަރުކާރުގެ އެންމެ ގިނަ ޕްރޮޖެކްޓު އެއްފަހަރާ ހިނގާނެ އަހަރު ކަމަށްވެސް ވިދާޅުވި އެވެ.

"މި އަހަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ގިނަ ޕްރޮޖެކްޓު އެއްފަހަރާ ހިނގާނެ އަހަރުކަން އަޅުގަނޑަށް މިއަދުވެސް ބުނެދިން. ދެ ހާހަށް ވުރެ ގިނަ ޕްރޮޖެކްޓު އަޅުގަނޑުމެން ގުނާލީމަ މިއަހަރު އެކަނި އެއްފަހަރާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާނެކަން އަޅުގަނޑުމެންނަށް ޔަގީންވެގެން މިއަދުވެސް ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް މިހެން ވިދާޅުވި އިރު މި ހިނގާ އަހަރަކީ ތަރައްގީގެ އަހަރު ކަމަށާއި ތަރައްގީގެ ކަންކަން ވަރަށް ބާރަށް ކުރިއަރައިގެންދާ އަހަރަކަށް މި އަހަރު ވެގެން ދާނެ ކަމަށް ރައީސް މުއިއްޒު ވެސް މިއަަހަރުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.