މިދިޔަ ހުކުރު ދުވަހު ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެން މީހާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ހައްވާ ޔުމްނާ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު އެވެ. އެ ޒުވާނާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު މިހާރު ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އަދިވެސް ސީރިއަސް އެވެ.
މީޑިއާތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އާންމުކޮށް ހުޅުވާ ނުލައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ރޭ ކަންތައް ހިނގައި ދިޔަ ގޮތުގެ ތަފްސީލް މީޑިއާތަކާ ހިއްސާކޮށް، އަންހެން ކުއްޖާ ވެއްޓުނު އިމާރާތުގެ ތެރޭ ކަންތައް ހިނގައިދިޔަ ސީސީޓީވީ ފުޓޭޖު ނޫސްވެރިންނަށް ދައްކާފަ އެވެ.
ފުލުހުން ބުނީ ޔުމްނާއާއެކު އިތުރު ހަތް މީހަކު އުޅުނު ކަމަށާއި އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުން ކަމަށެވެ.
އެގޮތުން އެ މީހުން އެރޭ 12:30 އެހާކަންހާއިރު ގޮސް ވަނީ މާލޭގެ މެދުތެރޭގައި ހުރި ގެއަކަށް ކަމަށާއި އެ ގެއިން އެ މީހުން ނުކުތީ ފަތިހު 3:40 އެހާކަންހާއިރެވެ. އެއަށް ފަހު، އޭގެ ތެރެއިން ހަތަރު މީހަކު 4:00 އެހާކަންހާއިރު ގޮސް އަމީނީ މަގުގައި ހުރި ގެއަކަށް ވަނީ ކަމަށް ފުލުހުން ބުންޏެވެ.
"އެ ގެއިން ނުކުމެފައި ވަނީ އޭގެ 10 ވަރަކަށް މިނިޓް ފަހުން. އެއަށްފަހު، ވެއްޓުނު އަންހެން މީހާއާއި އިތުރު ފިރިހެނަކު ގޮސްފައިވަނީ އެ ހާދިސާ ހިނގި ގެއަށް،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި އެ ގެއަށް އެ ދެ މީހުން ވަން އިރުވެސް ތިބީ މަސްތުގެ ހާލަތުގަ އެވެ. އަދި އެ ގެއަށް ވަދެ، ސިޑިން 9 ވަނަ ފްލޯއާ ހަމައަށް އަރައި އެ ތަނުގައި ވަގުތުތަކެއް ހޭދަަވި ކަމަށް ފުލުހުން ބުންޏެވެ.
އަންހެން މީހާ ވެއްޓުނީ 9 ވަނަ ފްލޯގެ ވައިގޮޅިން ކަމަށާއި އެއިރު އޭނާއާއެކު އެ ގެއަށް ވަން ފިރިހެން މީހާ ހުރީ އެހެން ފްލޯއެއްގައި ކަމަށް ފުލުހުން ބުނެ އެވެ. އެހެންކަމުން އެއީ އޭނާގެ ބައިވެރިވުން އޮވެގެން ވީކަމެއް ނޫން ކަމުގައި ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، އަނިޔާވި އަންހެން މީހާއާ އެކު އެ ގެއަށް ވަން ފިރިހެން މީހާގެ ޕާސްޕޯޓު ހިފަހައްޓައި ވަނީ ފުރުން މަނާކޮށްފަ އެވެ.