ހައުސިން ސްކީމުތަކުން ކައިވެނި ނުކުރާ ޒުވާނުންނަށް ވެސް ފުރުސަތު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ދެނޯ" ގެ ނަމުގައި ފެށި ޕޮޑްކާސްޓެއްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އެންމެ ބޭނުންތެރި ކަންތައް ކަމަށާއި ހާއްސަކޮށް މާލެ ފަދަ ތޮއްޖެހިފައިވާ ތަންތަނުގައި އެ ބޭނުން ބޮޑުވެފައިވާ ކަމަށެވެ.
އެކަން ހައްލުކުރުމަށް ބިން އުފައްދައި ހައުސިން މަޝްރޫއުތައް ފަށައި ހައުސިން ލޯނު ދޫކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތްތާގައި ހައުސިން ޕްރޮޖެކްޓްތައް ފެށުނީމަ ޒުވާން ކުދިންނަށް، މެރީ ނުކޮށް ތިބޭ ކުދިންނަށް ވެސް އަދި އަލަށް މެރީ ކުރާ ކުއްޖާއަށް ވެސް ހާއްސަ ވާނެ، ފުރުސަތުތަކެއް ދޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ބައެއް ބޯހިޔާވަހިކަމުގެ މައްސަލައާ ހެދި ކައިވެނި ނުކުރެވި ވެސް ޒުވާނުން ތިބެންޖެހޭ ކަމަށާއި އެގޮތުން ހައުސިން ސްކީމްތަކުން އެކި ކެޓަގަރީތައް އަންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެ ވިސްނުމުގައި ކުރިއަށް އޮތް ތަނުގައި ފުރުސަތުތައް ލިބޭނެ. ހައުސިން ފުރުސަތު ލިބުނީމަ ވަރަށް ގިނަ ކަންކަން ހައްލުވޭ އަސްލު ވެސް،" ރައީސް ވިދާޅުވި އެވެ.
މިއަހަރަކީ އެއް އަހަރެއްގެ ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން އަމަލީ ގޮތުން އެންމެ ގިނަ މަސައްކަތްތައް ހިނގާނެ އަހަރު ކަމަށް ރައީސް މުއިއްޒު މިއަހަރުގެ ކުރީކޮޅު ވަނީ ވިދާޅުވެފަ އެވެ.