ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގެ އިތުރު އަޑުއެހުމެއް ހައިކޯޓުގައި މިއަދު ތާވަލުކޮށްފި އެވެ.
ކޮރަޕްޝަންގެ ތުހުމަތުކޮށް ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ ތެރޭގައި ކަމަށްވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި އަމުރުތައް ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ މިދިޔަ ހޯމަ ދުވަހު ބާއްވާފަ އެވެ. އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެއަށް ތާވަލުކުރި ނަމަވެސް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ. މިއަދުގެ އަޑުއެހުން ބޭއްވުމަށް ތާވަލުކޮށްފައިވަނީ ހެނދުނު 11:15 އަށެވެ.
އެ އަޑުއެހުމުގައި ޝަމްއާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ހިންގާ ކުށްތަކާއި މަނީ ލޯންޑަރިންގެ ކުށުގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ބަންދުކޮށްގެން ގެންގުޅުމަކީ ދައުލަތުން މީގެ ކުރިން އަމަލު ކުރަމުން އައި އާންމު އުސޫލު ނޫންކަން ފާހަގަ ކުރައްވައި ޝައްމާންއާ މެދު ތަފާތު ގޮތަކަށް އަމަލު ކުރާ ކަމަށް ވިދާޅުވެފަ އެވެ.
އަދި ޝައްމާން ހައްޔަރުކޮށްފައި ވަނީ މުޖުތަމައުގެ ރައްކާތެރިކަމަށް ހުރި ނުރައްކަލެއް ކަމަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
ޝަމްއާން މަގާމުން ވަކިކޮށް އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.
ޝަމްއާންގެ އިތުރުން އިތުރު ހަތަރު މީހަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އަދި އެ މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.
ޝަމްއާން އަދި އެ ހިދުމަތުގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ބަލަމުންދަނީ ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އޭނާގެ އަތުން 530،000ރ. ނެގި މައްސަލަ އެވެ.