Last Updated: April 24, 07:07
Thursday, April 24, 2025
ޚަބަރު

ލޯނުތައް ދައްކަން 2.5 ބިލިއަން ހޭދަކޮށްފި

ދައުލަތުގެ ބަޖެޓުން މި މަހުގެ 17 ގެ ނިޔަލަށް ހޭދަކުރި 12.7 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އޭގެ ތެރެއިން 2.5 ބިލިއަން ރުފިޔާ އަކީ ލޯނުތައް ދެއްކުމަށް ހޭދަކުރި ފައިސާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

އެތަނުން އާންމުކޔރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 17 ގެ ނިޔަލަށް ދަރަނި އަދާކުރުމަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މި އަހަރުގެ ތެރޭގައި ސަރުކާރުން މިހާތަނަށް ކުރި ހޭދަވަނީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 175.9 ޕަސެންޓް އިތުރުވެފަ އެވެ.

މި އަހަރު ލޯނު ދެއްކުމަށް ހިނގި ހަރަދުތަކުގެ ތެރޭގައި މިދޮޔަ މަހު ކާގިލް ފައިނޭންޝަލް ސާވިސަސްއަށް ދައުލަތުން ދައްކާފައިވާ 100 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދައުލަތުގެ ޖުމުލަ ރިކަރަންޓް އަދި ކެޕިޓަލް ހަރަދު ވަނީ 25.3 ޕަސެންޓް ދަށްކުރެވިފައިވެ އެވެ. އެގޮތުން މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މި މަހުގެ 17 އެޕްރީލްގެ ނިޔަލަށް ހިނގާފައި ވަނީ 19.3 ޕަސެންޓެވެ. މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުން ކޮށްފައިވާ ޚަރަދުގެ 92.2 ޕަސެންޓް ރިކަރަންޓް ޚަރަދުގެ ގޮތުގައި ރިކޯޑުކޮށްފައިވާ އިރު، 7.8 ޕަސަންޓަކީ ކެޕިޓަލް ހަރަދެވެ.

މިއަހަރުގެ ތެރޭގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށް، މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ 29.3 ޕަސެންޓް މި މަހުގެ ނިޔަލަށް ދައުލަތަށް ވަނީ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ. އެވެ.

އެގޮތުން، މިހާތަނަށް ލިބިފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 ޕަސެންޓް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީން ހިއްސާކުރާ އިރު، ޓެކްސް ނޫން އާމްދަނީގެ ޙިއްސާއަކީ 22.3 ޕަސެންޓެވެ. ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު ދައުލަތުގެ ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ މިވަނީ 5.4 ޕަސެންޓަށް އިތުރުވެފަ އެވެ.

އާމްދަނީގެ ވަކިވަކި ބައިތަކުގެ ތެރެއިން، މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާ އިރު 6.7 ޕަސެންޓް އިތުރުވެފައެވެ. އެގޮތުން، ޓިޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ 8.0 ޕަސެބްޓް އިތުރުވެފައިވާ އިރު، ޓީޖީއެސްޓީގެ އާމްދަނީ މިވަނީ 3.4 ޕަސެންޓަށް އިތުރުވެފައިވެ އެވެ.

މީގެއިތުރުން، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓުތައް ބޮޑުކޮށްފައިވުމުގެ ސަބަބުންނާއި ފަތުރުވެރިކަމަށް އައިސްފައިވާ ކުރިއެރުމާއެކު ޑިޕާޗާ ޓެކުހާއި އެއަރޕޯޓު ތަރައްގީކުރުމަށް ނެގޭ ފީގެ ގޮތުގައި ލިބޭ އާމްދަނީ ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައިވެ އެވެ.

އާމްދަނީން ނަގާ ޓެކުހުގެ ތެރެއިން ވިޔަފާރި އާމްދަނީން ނަގާ ޓެކުހާއި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް އިތުރުވެފައިވީ ނަމަވެސް، ނިމިގެން ދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ތެރޭގައި އެޑްވާންސްކޮށް ބޭންކް ޕްރޮފިޓް ޓެކުހުގެ ގޮތުގައި 426.0 މިލިއަން ރުފިޔާ ބަލައިގަނެ ޖުމުލަ 946.9 މިލިއަން ރުފިޔާ އެހެނިހެން ބިޒްނަސް އަދި ޕްރޮޕަރޓީ ޓެކްސްގެ ގޮތުގައި ލިބިފައިވާތީ، މިއަހަރުގެ މިހާތަނަށް މި ދާއިރާއިން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީ ދަށެވެ. އަދި މި މަހުގެ 17 ގެ ނިޔަލަށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ އިރު، މިއީ ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ޢަދަދުގެ 32.7 ޕަސެންޓެވެ.