Last Updated: April 25, 06:23
Friday, April 25, 2025
ޚަބަރު

މުދަލު ޒަކާތުގެ ނިސާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން ބުނީ އިއްޔެ އިން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 9264.15ރ. ކަމަށެވެ. ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ.

އެންމެ ފަހުން މުދަލު ޒަކާތުގެ ނިސާބަށް ބަދަލު އައީ މިދިޔަ ޖެނުއަރީ މަހު އެވެ. އޭރު ނިސާބަކީ 8،800.05ރ. އެވެ.

މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އަހަރެއްވުމުން ޝަރުޢީ ހަމަތަކާ އެއްގޮތަށް އޭގެ ސާޅީސްބައި ކުޅަ އެއްބައި ނުވަތަ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުމަކީ ވާޖިބެކެވެ.

ރާއްޖޭގައި މިހާރު މުދަލު ޒަކާތާ ބެހޭ ހޭލުންތެރިކަން ބޮޑުވަމުން އަންނަ އިރޔު، މުދަލު ޒަކާތް ދައްކާ މީހުންގެ އަދަދު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ޒަކާތު ހައުސް އަންނަނީ ޒަކާތަށް ހޭލުންތެރިކަން އުފައްދަން މުޅި ރާއްޖޭގައި ވެސް ޕްރޮގްރާމްތައް ހިންގަމުންނެވެ.

ރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ ނިޞާބުންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަޤީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ.