ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނި (އާރްސީސީ) އިން އަތޮޅުތެރޭގައި ފްލެޓް އަޅައިގެން ވިއްކަން ނިންމައިފި އެެވެ.
އެގޮތުން މިފަދަ ފުރަތަމަ މަޝްރޫއު ކުރިއަށް ގެންދަން ނިންމީ ދ. ކުޑަހުވަދޫގަ އެވެ.
މާގިރި ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކުޑަހުވަދޫގައި ފްލެޓް އަޅާ ބިން އާރުސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ޒިންމާދާރުވެރިޔާ މުޙައްމަދު ޝިހާމެވެ. އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.
އާރްސީސީ އަކީ ނާޒިމާއި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އާއިލީ ކުންފުންޏެކެވެ.
އާރްސީސީން ކުޑަހުވަދޫގައި އަޅަން ހަމަޖެހިފައި ވަނީ 160 ފްލެޓްވެ. މި ފްލެޓްތަކަކީ ބޭންކް މެދުވެރިކޮށް ގަނެވޭނެ ފްލެޓްތަކެއް ކަމަށާއި ފްލެޓެއް ވިއްކާނީ 1.5 މިލިޔަން ރުފިޔާ އަށް ކަަމަށް އެ ކުންފުނިން ބުންޏެވެ. ޒަމާނީ ފެންވަރަށް ހަދާ ފްލެޓްތަކުގައި ހުންނާނީ ތިން ކޮޓަރި އާއު ތިން ފާހާނާ އެވެ.
ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ފްލެޓްގެ ބުކިންސް އަށް މިހާރު ވެސް އޮތީ ހުޅުވާފައެވެ. ފްލެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން އާރުސީސީގެ ނަމްބަރު 9130077 އަށް ގުޅުމުން އިތުރު މައުލޫމާތު ލިބޭނެ އެވެ.