ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ ޑޭޓާބޭސްގައިވާ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްފައި ނުވާނެ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އެތަނުގެ ޑޭޓާބޭސް ބޭނުންކޮށްގެން ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް ދާދި ފަހުން ގިނަ ބަޔަކު ވެއްދި މައްސަލަ ފެންމަތިވެ، އެކަމަކުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ޑީއެންއާރްގެ ޑޭޓާބޭސްގައިވާ މައުލޫމާތު ބޭނުންކޮށްގެން ބަޔަކު އެއްވެސް ޕާޓީއަކަށް ވެއްދިކަން ދައުލަތުގެ އިދާރާއަކުން ފާހަގަކޮށްފައި ނުވާ ކަމަށެވެ.
"ޑީއެންއާރްގެ ޑޭޓާބޭސް ބޭނުންކޮށްގެން، ރައްޔިތުންގެ ޒާތީ މައުލޫމާތު ލީކްވެ އެއްވެސް ޕާޓީއަކަށް ބަޔަކު ވައްދާފައި ހުރި ކަމަކީ އެއްވެސް ދައުލަތުގެ އިދާރާއަކަށް އެސްޓެބްލިޝްކޮށްްފަ އޮތް ފެކްޓެއް ނޫން." އިހްސާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވި ފަހުން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މައުލޫމާތު ލީކްވެ އެ މައުލޫމާތު ސިޔާސީ ފަރާތްތަކުން ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރު ހަވާލުވެ އަޅުގަނޑުމެން ބެލި ބެލުމުން އަޅުގަނޑުމެންނަށް ޔަގީންވެ ފެނިފަ އެބަހުރި ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މިފަދަ ޑޭޓާތައް ލީކްވެ އެކިއެކި ސިޔާސީ ފަރާތްތަކުން އެ މައުލޫމާތުތައް ސިޔާސީ މަސައްކަތުގައި ބޭނުންކުރަމުން އަންނަކަން." އިހްސާން ވިދާޅުވި އެވެ.
އެހެންވެ އެކަމާ ގުޅިގެން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެއާއެކު ޑޭޓާތައް ކަށަވަރު ކުރެވިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް ޔަގީންކަން ދޭން ކެރޭނެ ކަމަކީ އަޅުގަނޑުމެންގެ މި ދައުރުގެ ތެރޭގައި ޑީއެންއާރްގެ ޑޭޓާ ބޭސް އެގޮތަށް ކޮމްޕްރަމައިޒްވެފަ ނޯންނާނެ." އިހްސާން ވިދާޅުވި އެވެ.